ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތަށް ވަގުތުން ހުއްޓުވައި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖޭގެ 11 ޖަމިއްޔާއަކުން ގޮވާލައި ނޫސްބަޔާނެއް ނެރެފިއެވެ.

މިގޮތަށް ގޮވާލައި ނޫސްބަޔާން ނެރެފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، ސޭވް ހުވަދޫ، ހުވަދޫ އެއިޑް، ބީ ލީފް، ސޭވް އަވަރ ވޭވްސް މޯލްޑިވްސް، ދަ މޯލްޑިވްސް، ނަލަފެހި މީދޫ، ލޭންޑް ސީ މޯލްޑިވްސް، އަދި #ސޭވް މޯލްޑިވްސް ގުޅިގެންނެވެ. މި ނޫސްބަޔާނުގައި ތިމާވެއްޓާއި ގެއްލުންދެވޭ ގޮތަށް ހިންގޭކަމަށް ދާދިފަހުން މީޑިއާތަކަށް އަރާފައިވާ 3 "އެންވަޔަރަންމަންޓަލް ކްރައިމްސް" ފާހަގަކޮށްފައިވެއެވެ.

އެގޮތުން، އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ކ.ހިންމަފުށީ ކައިރީގައި އޮތް ފިނޮޅެއް ހަލާކުކޮށްލުމަށް ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި މުވައްޒިފުން މަސައްކަތްކުރި ކަމަށްބުނާ މައްސަލައެވެ. މި ހާދިސާގެ ވީޑިއޯ މީސް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، މީގެއިން ދައްކުވައިދެނީ ނުހަނު ހިތާމަވެރި މަންޒަރެއްކަމަށް މި ޖަމިއްޔާތަކުންވަނީ ފާހަގަކޮށްފައިވެއެވެ. އަދި, ވިޔަފާރި ތަކުން ހިންގާ މިފަދަ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެއެވެ. އެ ޖަމިއްޔާތަކުން ފާހަގަ ކުރާ ގޮތުގައި، މިހާރުވެސް ދިވެހިންނަށް މަންފާހޯދޭނެ ރަށްތަކާއި ފަރުފަޅާއި ފިނޮޅުތައް މަދުވެފައިވާއިރު، ބާކީ ހުރި ތަންތަން ރައްކާތެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރައްޔިތުންގެ އަސާސީ ހައްގެކެވެ.

މީގެއިތުރުންވެސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ކޮމިޓީގައި ދެއްކެވި ވާހަކަތައްވެސް މި ޖަމިއްޔާތަކުންވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން، މޫދަށް ކުނި އަޅަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހަދާފައިވާ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން" ބާރު ލިބިގެންކަމަށް ބުނި ނަމަވެސް، އެކަން ކުރަނީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫންކަން މި ޖަމިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ. އަދި ގަވާއިދާއި ހިލާފްވާ ފަރާތްތަކަށް ފިޔަވަޅު ނާޅާ ކަމަށާއި މި ފަދަ ކަންކަމުގެ ތަންފީޒީ އިދާރާކަމަށްވާ އީޕީއޭގެ ބާރު ކެނޑޭގޮތަށް ފަތުރުވެރިކަމާއި ގުޅޭކަންކަން އެ އޭޖެންސީގެ މެންޑޭޓުން އުނިކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ޖެނުއަރީ މަހުގެ ތެރޭގައި 480 ކިލޯއަށްވުރެ ގިނަ މިޔަރުގެ އުރަހަ ރާއްޖެއިން ބޭރުކުރަން އުޅުނު ހާދިސާވެސް މި ޖަމިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ތަހުގީގު ފެށިފައިވާކަމަށް ބައިނަލްއަގްވާމީ ހަބަރުތަކަށް މައުލޫމާތު ދިންނަމަވެސް، މައްސަލައިގެ ތަފްސީލް ރައްޔިތުންނާ ހިއްސާކުރަމުން ނުދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

މި ޖަމިއްޔާތަކުން ނެރުނު ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށްޓަކީ ނާޒުކު އެއްޗެއްކަން ފާހަގަކޮށް، ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. "އެންވަޔަރަންމަންޓަލް ކްރައިމްސް" ކުށްވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމަކީ މިފަދަ ޖަރީމާތަށް ހިންގުމަށް ދެވޭ ހިއްވަރެއްކަމަށް މި ޖަމިއްޔާތަކުންވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.