ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބަދަލު ގެނެސްފިއެވެ.
މިއަދު އެ މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، 24 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށެވެ. މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން ނިންމާފައިވާ ނިންމެވުމެކެވެ.
ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައިނަމަވެސް، ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ސަބަބުން ސައިހޮޓާ، ކެންޓީން، ކެފޭ، އަދި ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ވަނީ އިންތިހާއަށް ގެއްލުންވެފައެވެ. މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެންނާއި، ހިދުމަތްދެވޭނެ ގަޑިތަކަށް ބަދަލު ގެނެސްފައިވުމުން، ލިބޭ އާމްދަނީ ދަށްވެ ދެކޮޅު ނުޖެހޭކަމުގެ ޝަކުވާ މިތަންތަނުގެ ވެރިން އަންނަނީ ކުރަމުންނެވެ. ބެލެވޭ ގޮތުން، މި ބަދަލާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.