ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހްގީގު ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން، ފަނޑިޔާރުންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ވަނީ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރުމަށް ނިންމައި ތަހްގީގު ކޮމިޓީ އެކުލަވާލާފައެވެ.
މިގޮތުން، ތަހްގީގު ކުރުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކާއި ދ.މީދޫ މެޖިސްޓްރޭޓް ކޮޓުގެ އިސް މެޖިސްޓްރޭޓެވެ. ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އާ ދެކޮޅަށް ހުށަހެޅިފައިވަނީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖިލިސް ނިމުނީކަމަށް އިއުލާންކުރެއްވުމަށްފަހު މައްސަލައިގައި ހިމެނޭ ޚަސްމަކާ ވަކިން ބައްދަލުކުރެއްވިކަމަށް ބުނާ މައްސަލައެކެވެ.
މީގެއިތުރުންވެސް، ތަހްގީގުކުރުމަށް ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުރަޢޫފު އިބްރާހިމްއާއި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި އަލްއުސްތާޛް ޢަލީ ސަމީރުގެ މައްސަލައެވެ. މި ބޭފުޅުންގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވަނީ ޤާނޫނު އަސާސީގެ 152 ވަނަ މާއްސާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެކެވެ.
ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤުގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވަނީ އެ ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާއިމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ހޭދަކޮށް، އެ ޤަޟިއްޔާގެ އަޑުއެހުންތައް ފަށައި ނުގަނެ ދިގުމުއްދަތެއް ވެފައިވާތީ މިއީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލިވުންކަމަށް ބުނެ ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ޖޭއެސްސީއިން ދަނީ ފަނޑިޔާރުން ނަޒާހާތްތެރިކޮށް ފަނޑިޔާރުގެތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.