ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި 4 މީހަކު: ގްރެފިކްސް / އިސާމް

މޭއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ 4 މީހުންގެ މައްސަލަ ކޯޓުގައި ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ދެއްވައިފިއެވެ.

މި ހަމަލާއާއި ގުޅިގެން ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވަނީ އަދުހަމް އަހުމަދު ރަޝީދާއި މުޖާޒް އަހްމަދާއި ތަހުމީން އަހްމަދުގެ އިތުރުން އަލީ ހައިޝަމްގެ މައްޗަށެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށީ އޮގަސްޓް 21 ވަނަ ދުވަހުއެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް

މި މައްސަލައިގެ ތަހުގީގުކުރިއަށްދާ ގޮތާއި ގުޅިގެން ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިހާރު ކޯޓަށް ފޮނުވާފައިވާ މައްސަލަތައް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށްދާކަން ވެސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް މިހާރު ކޯޓަށް ހުށައަޅާފައިވާ މައްސަލަތައް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަން. ފުލުހުންގެ ތަހުގީގުތައް ވެސް ކުރިއަށް އެބަދޭ.

މެއި 6 ގެ ތަހުގީގުގެ މައުލޫމާތު ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒާއި ވެސް ގަވާއިދުން ހިއްސާކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ އާއިލާއަށް ވެސް މަންދޫބު މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ފަންޑު ކުރި މީހުން ހޯދުމަށްޓަކައި ތަހުގީގުކުރަމުންނެވެ. ޕީޖީ ވިދާޅުވީ މި މައްސަލައިގައި ދައުވާކުރެވޭ ވަރުގެ މައުލޫމާތެއް ލިބިއްޖެނަމަ، ކޯޓަށް ހުށައަޅައިގެން ކުރިއަށްގެންދާނެ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ 8:20 ހާއިރު އެވެ. މި ހަމަލާ އެމަނިކުފާނަށް ދީފައިވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ގޮވުމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގައި މިހާތަނަށް ދައުވާއުފުލި މީހުންގެ މައްޗަށް ދައުވާތައް ސާބިތުވެއްޖެނަމަ ޓެރަރިސްޓުންނަށް އަންނަ ބޮޑެތި ހުކުމްތަކެއް އަންނާނެ އެވެ.

ތަހުމީން އަހްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
 1. ޓެރަރިޒަމްގެ އަމަލެއް ހިންގުން: 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް
 2. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން: 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް
 3. ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން: 12 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް
 4. ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން: 3 އަހަރާއި 5 އަހަރުގެ ޖަލު ހުކުމެއް
 • ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި 49 އަހަރުގެ ޖަލު ހުކުމެއް
އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް
 1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން: 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް
 2. ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން: 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް
 3. ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން: 12 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް
 • ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި 49 އަހަރުގެ ޖަލު ހުކުމެއް
މުޖާޒް އަހްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
 1. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން: 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް
 2. ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުން: 9 މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމެއް
 • ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި 17 އަހަރާއި 20 އަހަރާ ދެމެދުގެ ހުކުމެއް
އަދުހަމް އަހްމަދު ރަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
 1. ޓެރަރިޒަމްގެ އަމަލެއް ކުރުން
 2. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
 3. ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން
 4.  ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުން
 • އޭނާއާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އޭނާގެ މައްޗަށް ކުރެވޭނީ 23 އަހަރުގެ ޖަލު ހުކުމެއް
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.