ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިންކާރުކުރެއްވުމުން، ދައުލަތުން ހެކި ހުށަހަޅަިއފި އެވެ.
އާދިއްތަ ދުވަހު ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށްގެންގޮސްފަ އެވެ.
އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.
އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.
މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި ދައުލަތުން ދައުވާ އިއްވުމުން، އަލީ ވަހީދު ވަނީ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކުރައްވަފަ އެވެ. އެޔާއެކު ދައުލަތުން ވަނި އަލީ ވަހީދުގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ.
ސިއްރު ޝަރީއަތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ އެ ޝަރީއަތް ނިންމާލީ، ދައުވާތަކުން ދިފާއުވުމަށް ހެއްކާއި، ގަރީނާ ހުށަހެޅުމަށް އަލީ ވަހީދުއަށް އިތުރު ފުރުސަތެއް ދެއްވާފަ އެވެ. ނަމަވެސް ވަކި މުއްދަތެއް ވިދާޅެއްނުވެ، ގާޒީ ވިދާޅުވީ މައްސަލައިގެ ޝަރީއަތެއް އަވަސް ތާރީހެއްގައި ބާއްވަވާނެ ކަމަށެވެ.