ކޮވިޑް-19ގެ މި ހާލަތުގައިވެސް ދިވެހިންނަށް އުމްރާ ވެވޭނެފަދަ ހާއްސަ އުސޫލުތަކެއް ސައުދީ އަރަބިޔާއިން ކަނޑައަޅައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުތައް ހުއްޓި، ސަޢޫދީ ޢަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތިތަކާއި ކުރިމަތިވިއެވެ. މިއާއެކު، މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު ވަނީ ސަޢޫދީގެ ޚާރިޖީ ވަޒީރާއި އަދި ސަޢޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ބުނެފައިވާ ގޮތުން، މިހާރު ހާއްސަ ވަކި އުސޫލުތަކަކާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރެވޭނެއެވެ. އެގޮތުން،

  • ޢުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުޞޫލުތަކާއި އެއްގޮތަށް، މުޤައްދަޞް ދެ ޙަރަމުން ކުރެ ޙަރަމަށް ޢުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހެއްދުން. (ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް)
  • ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީ ޢަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނައްސި ޓެސްޓް ސެޓިފިކެޓެއް އޮތުން.
  • ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން.
  • ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށްފަހު، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި 3 ދުވަހަށް ކަރަންޓީނުވުން.
  • ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ޤަވާއިދުގައިވާގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މި ޙާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށް.
  • ޢުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ޤައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުން.

ކޮރޯނާ ވައިރަސްގެ ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލިތާ ގާތްގަޑަކަށް 7 މަސް ދުވަސް ފަހުން ހަރަމްފުޅު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މައްކާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އުމްރާ ކުރުމަށް ދަތުރުކުރެއެވެ. މިދިޔަ އަހަރު 19 މިލިއަން މީހުން އުމްރާގެ އަޅުކަންތައް ފުރިހަމަ ކޮށްފައިވެއެވެ. މިހާރު ހަރަމްފުޅުގައި އުމްރާ ކުރެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ. މިއީ ސައުދީ އަރަބިއާގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.