ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އިމާރާތްކުރާ އެކޮމޮޑޭޝަންގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ދޫނިދޫގައި އަލަށް އިމާރާތްކުރާ އެކޮމޮޑޭޝަން އަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމުގެ މަގްސަދުގައި، ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ. ހަ ފަންގިފިލާއަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ބޭނުންވަނީ މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައިހުރުން ކަމަށެވެ. ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ ބިންގާ އެޅިގެންދާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އިމާރާތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވާހަކަަދައްކަވާފައިވާއިރު އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތްކުރުންކަމަށް ވެސް ވިދާޅުވިއެވެ.