ކޮވިޑް-19 ގެ ކޭސްތަކެއް މާލެއިން ފެނިގެން ރާއްޖެގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބަންދުކުރި ސިނަމާތައް، ދިހަ މަސް ދުވަހަށް ފަހުން އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން މިއަދު ދީފީއެވެ.
ވަކި ގޮތެއް އަންގަން ދެން ސިނަމާތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރު މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއިން އަންގާފައިވާ އެންގުން ބާތިލުކޮށްފައިވާ ކަމަށެވެ.
އަދި އެ އެޖެންސީން އާންމުކޮށްފައިވާ "ކޮވިޑު-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީގޮތުގެ އުސޫލު" އާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މާދަމާއިން ފެށިގެން ހުޅުވައިލުން އެންމެ ރަނގަޅުކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.