އަދާލާތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްޗަށް އިންތިހާބުގައި ކުރިހޯދޭނެ ކަމުގެ 50 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށް، ޕާޓީގެ ރައީސް ކަމަށް އިމްރާންއާ ވާދަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އަދާލަތުގެ ރިޔާސީ އިންތިހާބު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ޕާޓީގެ ރައީސް ކަަމަށް ވާދަކުރައްވާ ދެ ބޭފުޅުންވެސް ދަނީ ކެމްޕޭނަށް މިހާރު ތައްޔަރުވެވަޑައިގަންނަވަމުންނެވެ.
''ޖަޒީރާ''އާ ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން އެންމެ ފަހު ވަގުތު ނިންމެވީ ޕާޓީގެ މެމްބަރުންގެ ލަފާޔާ މަޝްވަރާގެ މަތިން އަދި އަމިއްލަޔަށް އެ ގާބިލިއްޔަތު ހުންނެވި ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ.
އަދި ރައީސް ކަމަށް ކުރިމަތިލެއްވީ ޕާޓީ އަށް ހެޔޮގޮތެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށް އަދާލަތުގެ ތައުލީމާއި ތަރުތިބާ ބެހޭ ކޮމިޓީގެ ރައީސް ކަންވެސް ކުރައްވާ ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޭމްޕޭނުގެ ކުރުމުގެ ކަންކަން ދަނީ ވަރަށް ފޯރިއާއި އެކު ސުލްހަވެރިކަމާއި އެކު ކަމަށާއި، ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އިންތިހާބު ވާދަވެރިވެގެން ދާނެ ކަމަށެވެ.
'' އަޅުގަނޑަށް އެބައޮތް 50 އިންސައްތަ ޔަގީންކަން ކާމިޔާބު ކުރެވޭނެކަން'' ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.
ޑރ. އަހުމަދު ޒާހިރުގެ ތަސައްވަރަކީ އަދާލަތުގެ ރައީސް ކަމަށް އިންތިހާބު ކޮށްދެއްވައިފިނަމަ ޑިމޮކްރެޓިކް އުސޫލުން ޕާޓީ ހިންގުން ވަަރުގަދަ ކުރުމެވެ.
އަދާލަތުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 6000 މެމްބަރުންނަށް ލިބިގެންވެއެވެ.