ބޮޑެތި ތުހުމަތުތަކާއި ގުޅިގެން ވަޒީރުކަމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިޔަށް ގެންދަން ނިންމައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް 6 ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މިއަދު 13:30 އަށެެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ބާވަތުގެ ގޮތުން އަޑުއެހުންތައް ސިއްރުކޮށްގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގެ އަޑުއެހުންތައް ހުރިހާ މަރުހަލާތަކެއްގެ ކޯޓުތަކުން ވެސް ކުރިއަށް ގެންދަނީ އާއްމު ގޮތެއްގައި ސިއްރުކޮށްގެންނެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:
1- ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2- ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3- ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4- ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5- ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6- ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.
މި ތުހުމަތުތައް އަލީ ވަހީދު ދޮގު ކުރައްވައެވެ. އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ވަހީދު ވިދާޅުވާއިރު އެކަމާ ކުރިމަތިލައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދަށް ފުރަތަމަ ރައީސް އެންގެވީ އިސްތިއުފާ ދެއްވުމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވެމުން މަގާމުން ދުރު ކުރެއްވީއެވެ.
އޭސީސީއިން ވެސް ގެންދަނީ އަލީ ވަހީދުގެ މައްސަލަތަކެއް ބަލަމުންނެވެ. އެއީ ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އަމަލުކޮށްފައިވާ ގޮތުގައި ގޯސްތަކެއް ހުރި ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާތީއެވެ.