ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު ވަކިގޮތަކަށް އަނބުރާލަަން އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނަވައިގެން 100،000 ޑޮލަރުގެ ރިޝްވަތު ނެންގެވިކަމަށް އަބްދުﷲ އާޒިމްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އާޒިމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފަައި އޮތީ މިއަދު ހެނދުނު 9:00 އަކަށެވެ. މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ދިފާއީ ވަކީލުގެ އެދިލެއްވުމުގެ މަތިން ކަމަށް 'ޖަޒީރާ' އަށް މައުލޫމާތު ލިބެއެވެ.
އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައިދޭން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އާޒިމް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ އިސްކޮށް ތިބި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި އަބްދުﷲ ޒިޔަތުގެ އިތުރުން އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރާލަން 100،00 ޑޮލަރު ނަގާފައިވާ ކަމަށެވެ.
އަދި އެ މުއަމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް އޭނާގެ ކޮއްކޮގެ އެކައުންޓަށް 771،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.