ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ އެކަށީގެންވާ މަސައްކަތް ނުކުރާކަމަށްބުނެ އެ ގައުމުގައި މުޒާހަރާ ކުރަން ފެށުމާއެކު، އޮކްސްފޯރޑް-އެސްޓްރަޒެނެކާ ވެކްސިން އެ ގައުމުގައި ދޭން ފަށައިފިއެވެ.
2019 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު ބޮލްސޮނާރޯގެ އެޕްރޫވަލް ރޭޓިންގ ނުވެއްޓޭހާ ދަށަށް އޭނާގެ އެޕްރޫވަލް ރޭޓިންގ ވަނީ ކޮވިޑް-19 ގެ ސަބަބުން ވެއްޓިފައެވެ. މިއާއެކު އެ ގައުމުގެ ގިނަ ސިޓީތަކެއްގައި ހޮނިހިރު ދުވަހު ވަނީ ކާރުތަކުގައި މުޒާހަރާކޮށްފައެވެ.
މިއާއެކު އެ ގައުމުގައި ވެކްސިން ދިނުންވެސް ވަނީ މިހާރު ފަށާފައެވެ. އެގޮތުން، 2 މިލިއަން ޑޯޒް މިހާރު ރައްޔިތުންނަށް ދިނުމަށް ފަށާފައިވާ ކަމަށާއި އިތުރު 100 މިލިއަން ޑޯޒް އެ ގައުމުގައި އުފައްދާނެކަމަށް ސަރުކާރުގެ ހިއްސާއޮންނަ ފޮއިކްރުޒް އިންސްޓްޓިއުޓްއިން ވަނީ ހާމަކޮށްފައެވެ.
ބްރެޒިލްގައި ދޫކުރަމުންދަނީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓް އިން އުފައްދާފައިވާ ވެކްސިނެވެ. ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި ވެކްސިން ބްރެޒިލްއަށް ހޯދުމަށްޓަކައި އެ ގައުމުގެ ރައީސްވަނީ ހާއްސަ ސިޓީއެއްވެސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ފޮނުއްވާފައެވެ.
ބްރެޒިލްއަކީ އެމެރިކާ ފިޔަވައި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ގަައުމެވެ. އެގޮތުން، އެ ގައުމުގައި 8.7 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، 215،000 މީހުންވަނީ ބަލީގައި މަރުވެފައެވެ.