ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ހުރިހާ ރައްޔިތުން ޖެހުން މަޖުބޫރެއް ނުވާނެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން އެ ސެންޓަރުން އާންމު ކުރަމުންދާ މައުލޫމާތު ތަކުގެ ތެރެއިން ވަނީ ވެކްސިން ޖެހުމަކީ ކޮންމެ ފަރުދަކު ކުރަން މަޖުބޫރުކަމެއް ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ވެކްސިން ޖެހުމުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިގެންދާނެކަމަށާއި، އާންމު ހާލަތަށް އެނބުރި ދިޔުމަށްވެސް ފަސޭހަ ވެގެންދާނެކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންދާ މީހުން ދިރިއުޅެމުންދާއިރު، ރާއްޖޭގައިވެސް އެފަދަ މީހުން ދިރިއުޅުން އެކަށީގެންވެއެވެ. މިކަމާއި ގުޅިގެން، ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްއީއޯސީއިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

އެގޮތުން، ކޮވިޑް އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކަކީ ޓެސްޓިންގ އެތައް މަރުހަލާއެއް ކަޑައްތުކޮށްފައިވާ އެއްޗަކަށްވާއިރު، އެ ވަނީ ކަނޑައެޅިފައިވާ ވަކި އުމުރުފުރާއަކަށްވުރެ ބޮޑެތި މީހުންނަށް ޓެސްޓް ކުރެވިފައިކަން އެޗްއީއޯސީއިން ފާހަގަކުރެއެވެ. އަދި، އެ ޓެސްޓް ތަކުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައިނުވާތީ، އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެކަމަށް އެޗްއީއޯސީއިން ބުނެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް އުފެއްދިފައިވާ ވެކްސިން ރާއްޖެވެސް މިހާރު ގެނެވިފައިވާއިރު، މި ވެކްސިންގެ ސަބަބުން އާންމު ހާލަތަށް އެނބުރި ރުޖޫއުވާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް، އެކަން ކުރުމަށްޓަކައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހަންޖެހޭއިރު، އެކަމަށްޓަކައި އެޗްއީއޯސީއިން އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.