މާލޭގެ މަގުމައްޗެއްގައި އަންހެނުންތަކަކާއި ފޮށި، އުނދަގޫ ކުރި ކަމުގެ ތުހުމަތުގައި ޑޮލަރު އޭޓީއެމް ކައިރިން މިއަދު ހައްޔަރުކުރީ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަތް މީހާކަމަށް ފުލުހުން ބުނެފިއެވެ.
ޑޮލަރު އޭޓީއެމް ކައިރިން މިއަދު 13:05 ހާއިރު ހައްޔަރު ކުރި މީހާ އަކީ އެ ސަރަހައްދުގައި އަންހެނުންތަކަކާއި ފޮށި، އުނދަގޫ ކުރަމުންދިޔަ 50 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާވަނީ ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒު ތެރެއަށް 21 ވަނަ ދުވަހު ވަދެފައެވެ.
މި މައްސަލައާ ގުޅިގެން ކުރިން އޭނާ ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބެލި ބެލުމުން އޭނާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން ވަނީ އެނގިފައެވެ.
އޭނާގެ ސްޕޮންސަރުންނާ ގުޅިގެން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.