ރާއްޖޭގެ ރިސޯޓަކުން ޖެޓްސްކީއެއްގައި ފުރި ދެމީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ ޅ. އަތޮޅު ފުށިފަރު ރިސޯޓުން ފުރި 2 ދިވެއްސެކެވެ. އެއީ 29 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 19:04 ހާއިރުއެވެ.
މި ދެ ދިވެހިންނަކީ ވެސް އެ ރިސޯޓުގެ މުވައްޒިފުން ކަމަށްވާއިރު އެ ދެ މީހުން ވެސް ޖެޓްސްކީ ދުއްވަން ނުކުތީ ލައިފްޖެކެޓް އަޅައިގެން ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
މި ދެ މީހުންނާއި ޖެޓްސްކީ ފެނިފައިވަނީ 20:42 ހާއިރު ޅ. އަތޮޅު ކުރެއްދޫ ރިސޯޓް ކައިރިންނެވެ. ޖެޓްސްކީގެ އިންޖީނު ހުއްޓި އޮޔާދަނިކޮށް ފެނިފައިވަނީ ކުރެއްދޫ ރިސޯޓްގެ ލޯންޗްއަކަށެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުންގެ ހާލުވެސް ރަނގަޅެވެ. މި މީހުން ރިސޯޓް އިން ފުރާފައިވަނީ 17:45 ހާއިރުއެވެ.