ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތްޕުޅުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވިކަމަށް ބުނާ 29،000،000 ރުފިޔާގެ ތެރެއިން، 24،000،000 ރުފިޔާއަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ކުރައްވައި، އެ މައްސަލަ ފުލުހަށް ހުށަހަޅުއްވަން ފާޠިމަތު ދިޔާނާ ނިންމަވައިފިއެވެ.

މި މައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސްއަށް ދިނާޔާ ފޮނުއްވެވި ސިޓީގައި ވަނީ މި މައްސަލައާއި ގުޅޭ މުހިންމު ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން، ރައީސް މައުމޫން ފައިސާ ބޭނުންފުޅުވާ ކަމަށް ބުނުމާއި ގުޅިގެން ޖާބިރު، ދިޔާނާ، ރައީސް މައުމޫން، އަދި ފާރިސް މައުމޫން ކުއަލަލަމްޕޫރުގެ އިންޓަރމާރކް ބިލްޑިންގގައި ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައިވެއެވެ. 

މި ބައްދަލުވުމުގައި ފައިސާ ބޭނުންފުޅުވާކަން ރައީސް މައުމޫން ވިދާޅުވެ، ފައިސާގެ ބަދަލުގައި މއ. ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ބޭއްވުމަށްވެސް އެދިވަޑައިގެންނެވި ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރަޖިސްޓްރީ ނަންގަވަން ޖާބިރު ދެކޮޅު ހެއްދެވި ކަމަށާއި، ފައިސާގެ އަނބުރާ ދައްކަވާނެކަމުގެ ގެރެންޓީއަކަށް ރައީސް މައުމޫންގެ ބަސްފުޅު ފުދޭކަމަށް ވިދާޅުވި ކަމަށްވެސް ސިޓީގައި ލިޔުއްވާފައިވެއެވެ.

އަދި މިކަމާއި ގުޅިގެން އެކިފަހަރު މަތިން ޖުމްލަ 24،000،000 ރުފިޔާ ފާރިސްއާއި ދިޔާނާ ހަވާލުކުރެއްވި ކަމަށްވެސް ލިޔުއްވައިފައިވެއެވެ. އެހެންނަމަވެސް، ފައިސާ ލިބިވަޑައިނުގަންނަވާކަމަށް ރައީސް މައުމޫން ޕަބްލިކް ފޯރަމްތަކުގައި ވިދާޅުވަމުން ދިޔުމާއެކު، އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކުގައިވެސް އެގޮތަށް ވިދާޅުވަމުން ދިޔުމާއެކު، އެ ފައިސާއަށް ފާރިސް ހިޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތު ދިޔާނާ ވަނީ ކުރައްވާފައެވެ.

މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދިފައިވަނީ، ފައިސާ ހިޔާނާތްތެރިވި ކަމުގެ ތުހުމަތު އެކަމަނާގެ ބޮލުގައި އެޅިދާނެކަމުގެ ބިރު ހީވާތީއެވެ. މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދިފައިވާއިރު، ތަހުގީގުގެ މަރުހަލާފައި ހެކިހުށަހަޅާނެކަމަށްވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.