އަފްޢާނިސްތާނުގެ ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ތާލިބާނުންނާއެކު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގާއިމްކުރެއްވި ސުލްހައިގެ އެއްބަސްވުން ރިވިއު ކުރުމަށް އެގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމަވައިފިއެވެ. 

ބައިޑެންގެ އެންމެ އެއް ސީނިއަރ ސެކިއުރިޓީ އެޑްވައިޒަރު ކަމަށްވާ ޖޭކް ސުލިވަން ވަނީ މިކަމާއި ގުޅިގެން އަފްޢާނިސްތާނުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާފައެވެ. ބައިޑެންގެ ސަރުކާރުން މި ރިވިއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ތާލިބާނުންނަށް އެ އެއްބަސްވުމުގެ ދަށުން މަތިކޮށްފައިވާ ޝަރުތުތަކަށް އެ ގްރޫޕުން ފުރިހަމައަށް ބޯލަނބަމުންދާތޯ ބެލުމުގެ ގޮތުންނެވެ. 

މި ރިވިއު ކުރިޔަށް ގެންދިޔުމަށް އެމެރިކާއިން ނިންމާފައިވާއިރު ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި އަފްޢާނިސްތާނުގައި މީހުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ތާލިބާނުންނަށް ކޮށްފައިވާ ޝަރުތުތަކަށް ފުރިހަމައަށް އަމަލުކޮށްފިނަމަ 14 މަސް ދުވަހުގެ ތެރޭގައި ނޭޓޯ އަދި އެމެރިކާގެ ހުރިހާ ސިފައިން އަފްޢާނިސްތާނުން ބޭލުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން އެގައުމުގައި ހަރަކާތްތެރިވަމުން އަންނަ ބައިނަލްއަގްވާމީ ފައުޖަށް ދިން ހަމަލާތަކެއް ތާލިބާނުން ހުއްޓުވި ނަމަވެސް އަފްޢާނިސްތާނުގެ ސަރުކާރާއި ދެކޮޅަށް ދެމުންދާ ހަމަލާތައް އެ ގްރޫޕުން ހުއްޓާލާފައެއް ނުވެއެވެ. 

ޤަތަރުގެ ވެރި ރަށް ދޯހާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަފްޢާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާއި ދެމެދު ވަނީ ސުލްހައިގެ މަޝްވަރާތައް ރަސްމީކޮށް ފަށާފައެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރުވެސް އެއްބަސްވުމަކާ ހަމަޔަށް އާދެވިފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.