ރަޝިއާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އެލެކްސީ ނަވަލްނީ ހައްޔަރުކުރުމާއި ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލާ އެގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދާ މުޒާހާރާތަކުގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ. 

މޮސްކޯގައި ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް މުޒާހަރާއެއްގައި ބައިވެރިވުމަށް ގޮސް ތިބި ނަވަލްނީގެ ސަޕޯޓަރުން ވެސް ވަނީ ވަކިކޮށް ރޫޅާލާފައެވެ. ރަޝިއާގެ އިރުމަތީ ސިޓީތަކުގައި އޭނާ ދޫކޮށްލުމަށް ގޮވާލާ އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ ނަވަލްނީ މިދިޔަ ހަފްތާގައި ހައްޔަރުކުރުމާއި ގުޅިގެން އޭނާ ވަނީ މަގުމަތީ ހަރަކާތަށް ނުކުތުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. 

ނަރވް އޭޖެންޓެއް މެދުވެރިކޮށް އޭނާއަށް ދިން ހަމަލާއަކާއި ގުޅިގެން ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނުގެ ބާލިންއިން އޭނާ ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދަތުރުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާ ވަނީ ޕެރޯލްގެ ޝަރުތުތަކާއި ޚިލާފްވެފައިވާ ކަމަށް ބުނެ ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފައެވެ. އޭނާ ވަނީ އެއީ އޭނާގެ އަަޑު ކަނޑުވާލުމަށް ރޭވިގެން އޭނާއާ ދެކޮޅަށް ކުރިޔަށް ގެންދާ މައްސަލައެއް ކަމަށް ބުނެފައެވެ. މާދަމާ ބޭއްވުމަށް ހަމަޖެހުނު މުޒާހަރާތައް ފެށުމުގެ ކުރިން ނަވަލްނީއަށް ވާގިވެރިވެދޭ ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. 

ރަޝިއާގެ 30 އަށް ވުރެ ގިނަ ސިޓީގައި ނަވަލްނީ މިނިވަންކުރުމަށް ގޮވާލާ މުޒާހަރާތައް ބާއްވާފައިވާއިރު 200 މީހުންނަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ކުރިން ހުއްދަ ހޯދުމަކާއި ނުލައި 60 ސިޓީއެއްގައި މުޒާހަރާ ކުރިޔަށް ގެންދިޔުމަށް ރާވާފައިވާއިރު އެގައުމުގެ ފުލުހުން ވަނީ ހުއްދަ ނުހޯދައި ބާއްވާ އެއްވުންތައް ރޫޅާލާނެ ކަމަށް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.