ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނަށް ސްރީލަންކާ އަށް ދަތުރުފެށުމުގެ ހުއްދަ ދޭން ނިންމައިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރީޓީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެއާޕޯޓް ހުޅުވާލުމަށް ފަހު ލަންކާ އަށް ދަތުރުތައް ފަށަން ހުއްދަ ދޫކުރި 40 އެއާލައިންގެ ތެރޭގައި މޯލްޑިވިއަންވެސް ހިމެނެއެވެ. އެންމެ ފަހުން ހުއްދަ ދީފައިވަނީ މޯލްޑިވިއަންގެ އިތުރުން އިތިއޯޕިއާގެ ގައުމީ އެއާލައިނަށެވެ.
އެކަމަކު ރާއްޖެއިން ލަންކާ އަށް ދަތުރު ފަށާނެ ތާރިހެއް ނުވަތަ ފްލައިޓްތައް ޖައްސާ އެއާޕޯޓެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅޭ ގޮތުން މޯލްޑިވިއަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޒަރޫރީ ގޮތުން ބޭނުންވާ ތަކެތި ގެނައުމަށް މޯލްޑިވިއަނުން ވަނީ މީގެ ކުރިން ރާއްޖެއާ ލަންކާއާ ދެމެދު ޗާޓަރު ފްލައިޓްތަކެއް ބާއްވާފައެވެ. ދާދީ ފަހުން މޯލްޑިވިއަން އިން ވަނީ ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ޗާޓަރު ފްލައިޓްތަކެއް ބާއްވާފައެވެ.