ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ކުރަމުންދާ މަސައްކަތަށް އެގައުމުގެ ސަރުކާރަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޯސް އަދެނޯމް ޝުކުރު އަދާ ކުރައްވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެގައުމުން ވެދެމުންދާ އެހީތަކަށް ބޮޑު ވަޒީރު ނަރެންދްރާ މޯދީ އަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި ވައިރަސް ފެތުރުން ހުއްޓުވާ، ދިރިއުޅުން އަލުން އާރާސްތު ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
ޓެޑްރޯސް މިހެން ވިދާޅުވެފައިވާއިރު، އިންޑިއާއިން ވަނީ އެގައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްސްފޯޑް އަދި އެސްޓްރާޒެނިކާގެ ވެކްސިން އަވަށްޓެރި ގައުމުތަކަށް ފޯރުކޮށްދޭން ފަށާފައެވެ. އޭގެ ތެރޭގައި ރާއްޖެ އަށް 100،000 ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައިވާއިރު ބޫޓާނަށް 150،000 ޑޯޒްގެ ވެކްސިން، ބަންގްލަދޭޝް އަށް ދެ މިލިއަން ޑޯޒްގެ ވެކްސިންގެ އިތުރުން ނޭޕާލް އަށް އެއް މިލިއަން ޑޯޒްގެ ވެކްސިން ވަނީ ފޯރުކޮށްދީފައެވެ. އަދި މޮރީޝަސް، ސީޝެލްސްގެ އިތުރުން މިޔަންމާއަށް ވެސް އިންޑިއާއިން ވަނީ ވެކްސިން ފޯރުކޮށްދީފައެވެ.