އެއް ފަހަރާ ތިން އެއަރޕޯޓުގެ މަސައްކަތް ކުރުމުގެ ގާބިލުކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީސީ) ގައި ހުންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

2020 ވަނަ އަހަރުގެ ފަހު ކުއަރޓަރގެ ނަތީޖާ މީޑިއާއާއި ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވަނީ އެމްޓީސީސީން މިދިޔަ އަހަރު ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިިއަޅުއްވާލައްވާފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެ ކުންފުނިން މިހާރުވެސް ދަނީ އެއްފަހަރާ 40 ރަށެއްގައި މަސައްކަތް ކުރަމުން ކަމަށެވެ. 

މިދިޔަ އަހަރުވެސް އެ ކުންފުނިން 52 މަޝްރޫއުއްގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 11 މަޝްރޫއުއެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި މުޅި އަހަރަށް ބަލާއިރު 34 އުމްރާނީ ތަރައްގީ މަޝްރޫއެއްގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އާޒިމް ވިދާޅުވީ އެމްޓީސީސީގައި އެއްފަހަރާ ތިން އެއަރޕޯޓާއި އެއް ފަހަރާ ތިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ގާބިލު ކަން ހުންނާނެ ކަމަށެވެ. 

އަޅުގަނޑުމެންގެ ކެޕޭސިޓީ މިއަދު އެބަހުރި އެއްފަހަރާ ތިން އެއަރޕޯޓުގައި މަސައްކަތް ކުރުމުގެ ކެޕޭސިޓީ އެބަހުރި. އަދި ހަމައެއާއި އެކު އެއްފަހަރާ ތިން ރަށެއްގެ މަގުތައް ހެދުމުގެ ކެޕޭސިޓީ އެބަހުރި، އަދި އަޅުގަނޑުމެންނަށް އެއްފަހަރާ ތިން ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ކުރެވޭނެ ކެޕޭސިޓީވެސް އެބަހުރި. 

އާޒިމް ވިދާޅުވީ އެ ކުންފުނީގެ ކެޕޭސިޓީ މިވަގުތު ރަނގަޅު ނަމަވެސް، ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ، އެގޮތުން މުވައްޒަފުން ތަމްރީނުކޮށް، އެތެރޭގެ ހިންގުމުގެ ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރަދުކުޑަކޮށް، އެންމެ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.