މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމަށް، ހައި ކޯޓުން ތާއީދު ކުރުމާއި ގުޅިގެން އެ ހުކުމް ބަލައިގެނުގަނެ ސީދާ ހަރަކާތަށް މަގުމައްޗަށް ނިކުންނަން އިދިކޮޅު ޕީޕީއެމް/ޕިއެންސީން ގަރާރެއް މިއަދު ފާސްކޮށްފިއެވެ.
މިއަދު މެންދުރު ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ކުއްލި ބައްދަލުވުމުގައި މި ގަރާރު ހުށައެޅުއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ)އެވެ. އެ ގަރާރު ގައިވާ ގޮތުން ޔާމީން އަށް ހުކުމްކުރި ބެންޗުގައި ފަނޑިޔާރު ހުސައިން ޝަހީދު ފިޔަވައި ދެން ތިއްބެވި ދެ ފަނޑިޔާރުންގެ ރައުޔަށްބަލާއިރު އެނގި ހާމަވެގެން ދަނީ އެ ދެ ފަނޑިޔާރުންގެ ރައުޔު ބިނާކުރެއްވީ އެ ދެ ފަނޑިޔާރުންގެ އަމިއްލަ މިނިވަންރައުޔުއަށް ނޫންކަން އެނގޭ ކަމަށެވެ.
އެކަން ސާފުކޮށްދެމުން އެ ގަރާރުގައި ބުނީ، އެ ދެ ފަނޑިޔާރުންގެ ރައުޔުގައި އިސްތިއުނާފުކުރެއްވި ފަރާތުން އިސްތިއުނާފު ކުރައްވާފައިވާ ހުރިހާ ނުކުތާއަކަށް ރިއަޔަތް ކުރައްވާފައި ނެތުމާއި، މައްސަލަ ސާބިތު ކުރުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑަށާއި، ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނު ތަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތަކަށާއި ދުނިޔޭގެ ކުރިއަރުވާފައިވާ ގައުމުތަކުން މި ބާވަތުގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކަށާއި ބައިނަލްއަގްވާމީ މުއާހަދާތަކަށްވެސް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރެއްވުމެއްނެތި ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާފައިވާތީ ކަމަށް ގަރާރުގައި ބުންޏެވެ.
އަދި އެ ހުކުމަކީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ސަރުކާގެ ނުފޫޒާއެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށާއި، އެ ހުކުމަކީ މި ކޯލިޝަނުން ބަލައިގަންނަ ހުކުމެއް ނޫންކަމަށެވެ، އެހެން ކަމުން ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިދާޙަރަކާތަށް ނުކުތުމަށް ނުކުންނަން ކޯލިޝަނުން ވަނީ ނިންމާފައެވެ.
ކައުންސިލްގެ ބައްދަލުވުމުގައި ގަރާރަށް ބަހުސް ކުރަން ހުޅުވާލުމުން ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ކައުންސިލްގެ ގިނަ މެމްބަރުން ބޭނުންވީ ވީހާވެސް އަވަހަށް މަގުމަތީގެ ހަރަކާތަށް ނިކުމެ ވަރުގަދަކޮށް ހަރަކާތްތައް ހިންގުމަށެވެ. ގަރާރު ފަސްވީ ބައްދަލުވުމުގައި ބައިވެރިވެވައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.