ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެކަމުގައި އެމަނިކުފާނު އަމަލުކުރައްވާފައިވާ ގޮތުން އެމަނިކުފާނުގެ ތެދު ނިޔަތެއް އޮތްކަން އެނގޭ ކަމަށާއި، ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރަން ޖެހޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ނެރުއްވި ރައުއު އަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ފާޑު ވިދާޅުވެއްޖެއެވެ. 

ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑާ ކުރެއްވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި، ޖޫރިމަނާގެ މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގެ ހުކުމް އިއްވައި ނިމުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހައި ކޯޓުން މައްސަލަ ބެއްލެވީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒާއި، ފަނޑިޔާރު ޙުސައިން ޝަހީދު އެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ މަނީ ލޯންޑަރިން ގެ ކުށުގެ އެންމެ މުހިންމު އެއް އުންސުރަކީ އަސްލު އޮޅުވާލުން ކަމަށާއި އެހެން ނަމަވެސް މި މައްސަލާގައި ރައީސް ޔާމީން އަމަލުކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެގޮތުން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އޭސީސީއަށް ހުށަހެޅީ ރައީސް ޔާމީންގެ އަމިއްލަ އިސްނެންގެވުމަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމަށް ޔާމީން އަމަލުކުރެއްވީ މަނީ ލޯންޑާ ކުރައްވަން ނޫން ކަމަށާއި އަދި ޔާމީންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ ލީޒް ރެންޓްކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް ކަނޑައަޅާފައިނުވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. 

ޝާހީދުގެ ރައުޔުއަށް ފާޑުވިދާޅުވަމުން ފޭސްބުކް ގައި ލިޔުއްވި ޕޯސްޓެއްގައި ފާއިޒު ވިދާޅުވީ، ފަނޑިޔާރުން ކުރައްވާ ހުކުމް ބިނާކުރައްވަންޖެހޭ އަސާސްތައް ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ އަސާސްތަކުގެ ބޭރުން ކުރައްވާ ހުކުމެއްގެ ދުސްތޫރިއްޔަތު ކަމާމެދު ސުވާލު އުފެއްދުމުގު ޖާގައޮންނާނެ ކަމަށެވެ. ސައްހަ އެއްބަސްވުމެއް މާނަކުރުމުގައި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގަނޫނުގެ ބޭރުން ބައިނަލްއަޤުވާމީ ފިގްހު އެކަޑަމީގެ ގާރާރެއްގެ މައްޗަށް ހުކުމް ބިނާކުރައްވަން ގާނޫނުއަސާސީ ހުއްދަނުކުރާ ކަމަށް އެ ޕޯސްޓުގައ ފާއިޒު ލިޔުއްވެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.