އަދާލަތު ޕާޓީގެ ރައީސްކަމުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ވާދަކުރައްވަނީ، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވަނީ އެ ޕާޓީގެ ރިޔާސީ އިންތިހާބު (ރައީސާއި ނައިބް ރައީސް އިންތިހާބުކުރުން) ކުރިމަތިލެއްވި ކެނޑިޑޭޓުން ހާމަކޮށްފަ އެވެ. 

ޕާޓީން ހާމަކުރި މައުލޫމާތުތައް ބުނާގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ރައީސްކަމަށް ކުރިމަތިލެއްވިއިރު، ރަނިންމޭޓެއްގެ ގޮތުގައި ނައިބް ރައީސްކަމަށް ކުރިމަތިލެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދު އެވެ. 

ދެވަނަ ކެނޑިޑޭޓެއްގެ ގޮތުގައި މިހާރުވެސް ޕާޓީގެ ރައީސްކަން ކުރައްވާ އިިމްރާން ވާދަކުރައްވާއިރު، ރަނިންމޭޓެއްގެ ގޮތުގައި އިމްރާނާއެކު ޕާޓީގެ ނައިބް ރައީސްކަމަށް ކުރިމަތިލެއްވީ އަހުމަދު ޝަރީފް އެވެ. 

އަދާލަތު ޕާޓީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރުންނަށްކަމަށެވެ. އަދި މި އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. 

އެ ޕާޓީން ބުނި ގޮތުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް 27 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން vote.adhaalath.org.mv ޒިޔާރަތްކުރައްވާ، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބައްލަވައި އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އެދޭކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.