އދ. ނިއުކްލިޔާ ހަތިޔާރު މަނާކުރާ މުއާހަދާ، ޓްރިޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިޔާ ވެޕަންސް (ޓީޕިއެންޑަބްލިއު) ގައި ރާއްޖެއިން މިއަދު ބައިވެރިވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ޓްވީޓާ މެދުވެރިކޮށް ކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.
ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އދ. ގައި ހިމެނޭ އެހެން ގައުމުތަކޭ އެއް ފަދައިން ރާއްޖެއިން އެ މުއާހަދާ ގައި ބައިވެރިވުމަކީ ދުނިޔެ އަކީ ނިއުކްލިޔާ ހަތިޔާރު ނައްތާލެވިފައިވާ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތާއި ގާތަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އިންސާނިއްޔަތަށް ލިބުނު ނަަސްރެއް ގޮތުގައި ޝާހިދު ވަނީ ސިފަކުރައްވާފައެވެ.
ނިއުކްލިޔާ ނައްތާލުމުގެ މަގްސަދު ގައި އުފެއްދި މި މުއާހަދާ އަކީ 2017 ވަނަ އަހަރު އެކުލަވައިލި މުއާހަދާއެކެވެ. މި މުއާހަދާ ފާސްކޮށްފައިވަނީ 122 ގައުމުގެ ތާއިދާއެކުއެވެ. ނަމަވެސް ރަސްމީ ގޮތުން ނިއުކްލިޔާ މަނާކުރުމާ ދެކޮޅު މުއާހަދާ އަށް ރަސްމީގޮތުން އަމަލުކުރަން ފެށީ މިއަދުއެވެ.