ދެ ބައެއްގެ މެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދެ ލައްކަ ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަންކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ. 

ދެ ބައެއްގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހޭ 227،570 ރުފިޔާ ނުދައްކައިގެން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ޖޫރިމަނާގެ 286 މިލިއަން ރުފިޔާ ދައްކާށެވެ. 

އެއްބަސްވުމުގައި ބުނާ ގޮތުން މަހަކު މަދުވެގެން 20,000 ރުފިޔާ ދައްކަން ޖެހޭއެވެ. އެގޮތަށް ދައްކާނަމަ ފައިސާ ދައްކަން އެއްހާސް އަހަރު ނަގައެވެ. 

އެ މައްސަލަ އިއްޔެ ކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ،، ޖަޒާއީ ޝަރުތުގެ ދަށުން
ނަގައިދެވޭ ބަދަލުގެ މިންވަރު އެކަށީގެންވާ ވަރަށްވުރެ މާ ބޮޑުނަމަ ނަގައިދެވޭ މިންވަރު ކޯޓުން
އުނިކުރެވިދާނެކަން އެނގޭ ކަމަށެވެ. 

އަދި ނެގޭ ފައިސާގެ މިންވަރު، އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދަކަށް ނެގުން
މަނާކުރުމުގެ ގޮތުން ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާގުޅޭ ގާނޫނުތަކުގައި އެ މިންވަރު ގައިދުކޮށް
އެގޮތަށް އެކަން ތަންޒީމު ކުރެވިފައިވާ ކަމަށާއި، އަދި ބައެއް ޖުރިސްޑިކްޝަން ތަކުގައި ޖަޒާއީ ޝަރުތުގެ
ދަށުން ނެގޭ ބަދަލުގެ މިންވަރު، އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަން ޖެހޭ އަސްލީ އިލްތިޒާމަށްވުރެ ބޮޑުވުން ހުއްދަ ނުކުރާކަމަށްވެސް ބަޔާންކޮށް، ފާހަގަކޮށްފައިވާކަން އެނގޭ ކަމަށް ހުކުމްގައި ބުނެއެވެ.

އެހެންކަމުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާގެ އިތުރުން މުހައްމަދު ފައިސަލް އިއްތިފާގުން ވަނީ 286 މިލިއަން ދައްކަނ ޖެހޭ ބައި ބާތިލްކޮށްފައެވެ. 

އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން 227،570 ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ވަނީ ހުކުމް ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.