މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 60،000 ށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 60,581
ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތާއި އަޅާބަލާއިރު 48.5 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 117,649 ފަތުރުވެރިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 21 ދުވަހު އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަަށް 2,885 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. އަދި އެމީހުން ރާއްޖޭގައި މަޑުކުރި މުއްދަތަކީ 9.4 ދުވަސް ކަމަށް މިނިސްޓްރީން ބުންނެވެ.

2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 13,880 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 10,623
ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިންއިން 5,020
ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ކަޒަކިސްތާނުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 3,023 ފަތުރުވެރިންނެވެ. އަދި ރޯމޭނިއާއިން 2,242 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 1,900 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.