ކ. ހިންމަފުއްޓާއި ގިލި ލަންކާ ފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅަކަށް އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ގެއްލުންދިން ކަމަށް ބުނާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކޮށްލާ ޖުރުމަނާއަކުން ނުފުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދަޅުވެއްޖެ އެވެ.
ޖަޒީރާއަށް އެނގިފައިވާގޮތުގައި ފިނޮޅުގެ މިލްކު ވެރިކަން ރިސޯޓުގައި ނޯންނައިރު، އެ ރިސޯޓުން މިގޮތަށް އަމަލު ކޮށްފައިވަނީ ފިނޮޅަށް ޕިކްނިކް އާންމު ރައްޔިތުން ދިއުން ހުއްޓުވުމަށްޓަކަ އެވެ. ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހިމެނޭހެން ބަޔަކު ގޮސް ކޯރުކަނޑާ ފިނޮޅު ހަލާކު ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ކ. ހިންމަފުށީ ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ވަނީ ހުއްޓުވާފައެވެ.
އެ މައްސަލާގައި ކުރެއްވި ޓުވީޓެއްގައި ވައްޑެ ވިދާޅުވީ އެއީ ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ. އަދި އެއީ ބޮޑު ޖިނާއީ ކުށެއްކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް، މިކަން ހިންގުވި ފަރާތްތަކާ މިކަމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރެވި، ޝަރީޢަތްކުރެވި ހަރުކަށި އަދަބު ދެވެން ޖެހޭނެކަމަށެވެ. އަދި ނަމެއްގައި ކޮށްލާ ޖުރުމަނާއަކުން ނުފުދޭނެކަމަށް ވިދާޅުވެ މައްސަލާގައި ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
ފިނޮޅު ފަދަ އެއްވެސް މާހައުލަކަށް ބަދަލެއް ގެނެވޭނީ އެކަމަށް އީޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ އާއި ނުލާ އެފަދަ ތަނަކަށް ބަދަލު ގެނެސްފި ނަމަ ޖޫރިމަނާކުރެވޭނެއެވެ.