ކ. ހިންމަފުއްޓާއި ގިލި ލަންކާ ފުށި ރިސޯޓާއި ދެމެދުގައި އޮންނަ ފިނޮޅަކަށް އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ގެއްލުންދިން ކަމަށް ބުނާ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލައާއި ގުޅިގެން އީޕީއޭ އިން ބުނީ އެ ފިނޮޅުގައި ކޯރު ކޮނެ، ގެއްލުން ދިނުމަށް ބަޔަކު މަސައްކަތް ކުރި ކަމުގެ މައްސަލައެއް ފުލުހުންނާއި ގުޅިގެން ބަލަން ނިންމާފައިވާ ކަމަށެވެ.
ފިނޮޅުގެ މިލްކު ވެރިކަން ރިސޯޓުގައި ނޯންނަ އިރު، އެ ރިސޯޓުން މިގޮތަށް އަމަލު ކޮށްފައިވަނީ ފިނޮޅަށް ޕިކްނިކް އާންމު ރައްޔިތުން ދިއުން ހުއްޓުވުމަށްޓަކައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހިމެނޭހެން ބަޔަކު ގޮސް ކޯރުކަނޑާ ފިނޮޅު ހަލާކު ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ކ. ހިންމަފުށީ ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ވަނީ ހުއްޓުވާފައެވެ.
ފިނޮޅު ފަދަ އެއްވެސް މާހައުލަކަށް ބަދަލެއް ގެނެވޭނީ އެކަމަށް އީޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ އާއި ނުލާ އެފަދަ ތަނަކަށް ބަދަލު ގެނެސްފި ނަމަ ޖޫރިމަނާކުރެވޭނެއެވެ.