ވައްކަން ކުރުމާއި ނަހަމަ ގޮތުގައި ފައިސާ ހޯދުމަކީ މުޖުތަމައު ފަސާދަކޮށް، ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.
މި ވަބާއަށް ދޭން ވެކްސިންއެއް ހޯދުމުގައި ގައުމުތައް ނުކުޅެދިފައިވާކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ވައްކަމާއި ނަހަމަ ގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް އެކަމުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް އެތަކެތި ވެގެންދާނީ އޭނާ އާއި އޭނާގެ އަނބިދަރިންގެ ހަލާކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މި ވަބާ މުސްލިމުންގެ މެދުގައި ފެތުރިފައިވަނީ އަފުރާދުންގެ މެދުގައި އޮންނަން ޖެހޭ ހަރުދަނާ އަގީދާ އާއި އީމާންކަން ބަލިކަށިވެ، ދުނިޔަވީ އެދުންތަކުގެ ޝިކާރައަކަށް އެމީހުންވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ވައްކަން ކުރުމަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ނުބައި އަމަލެއް ކަމަށާއި އެއީ އީމާންކަން ނެތިކޮށްލާފަދަ ނުބައި އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ. ވައްކަމާއި، ފޭރުމާއި، މަކަރާއި ހީލަތުން މުދާ ކެއުންފަދަ އެންމެހާ އަމަލުތަކުން ދުރުވުމަށް ޙުތުބާގައި ވަނީ ގޮވާލާފައެވެ.
ބާތިލް ގޮތުގައި މުދާ ކައިއުޅޭ މީހުންނަށް މި ދުނިޔެ މަތީގައި ވެސް ކުރިމަތިލާން ޖެހޭނީ ސުންޕާ ކަންތައްތަކާއި ކަމަށާއި އެގޮތުން އޭނާގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ބަދު ދުއާއިން އޭނާ ސަލާމަތްނުވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.