ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރ ކުރުމުގެ ދައުވާ ހެކިންގެ ހެކި ބަހާއި ނުލައި ވެސް ސާބިތުވާނެ ކަމަށް އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ފާހަގަކުރައްވައިފިއެވެ. 

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްޔެ ވަނީ ހައި ކޯޓުން ވެސް ދަމަހައްޓާފައެވެ. މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.

 ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު. ބެންޗުގެ (ކ) ގައި ހައި ކޯޓގެ ފަނޑިޔާރު މުހައްމަދު ނިޔާޒު -- ފޮޓޯ: ޖަޒީރާ


ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލާގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވި އެވެ.

މި މައްސަލާގައި ހެކިބަސް ދިން ފަރާތްތަކުން ތެރެއިން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތު އަދި އޭސީސީގެ ކުރީގެ ނައިބް ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ޝަރީއަތުން ބަލައިގަނެގެން ނުވާނެ ކަމަށް ބުނެ އިސްތިއުނާފްކުރި ފަރާތުން ގިނަ ނުކުތާތަކެއް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އަދީބާއި ޒިޔާތު އަކީ ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ބައެއް ކަމަށާއި އެކަމުގެ ސަބަބުން އެމީހުންގެ އަދުލުވެރިކަން ގެއްލިފައިވާ ކަމާއި، އެެއީ ޔާމީންގެ މައްޗަށް އުފުލުނު ކުށުގެ ބައިވެރިންކަން ވަނީ ފާހަގަކޮށްފައެވެ. 

ރައީސް ޔާމީންގެ ފަރާތުން ހެކިންގެ ހެކިބަހާއި ގުޅޭގޮތުން ފާހަގަކުރި ނުކުތާތަކަށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ މި އަމަލު (މަނީ ލޯންޑަރކުރެއްވުމުން ކުށް) ހިންގުމުގައި އަދީބާއި ޒިޔާތު ބައިވެރިވެފައިވާކަން ހުށަހެޅުނު ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށާއި އެހެންކަމުން އެ ދެ މީހުންނަކީ ޔާމީންގެ މައްޗަށް އުފުލުން ކުށުގެ ބައިވެރިންކަން ބެލެވެން ނެތް ކަމަށެވެ.

އަދީބު އަދި ޒިޔާތުގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ކަމަށާއި އަދި ޚިޔާނާތުގައި އަމަލީ ގޮތުން ބައިވެރިވިކަން އެނގެން އޮންނާތީއާއި އެ ދެ މީހުންގެ ކިބައިގައި ޔާމީނަށް އަދާވާތްތެރިކަން އޮވެދާނެ ކަމަށް ބުނެ އިސްއިތުނާފްކުރި ފަރާތުން ދެެއްކި ވާހަކަތަކުގައި ޝަރީއަތަށް ގަބޫލުކުރެވޭ ކަންތައްތަކެއް ހުރުމުން އެ ދެ މީހުންގެ ހެކި ބަހަށް ބިނާކޮށް ކުށް ސާބިތުކުރުން އެއްގޮތަކަށް ވެސް ރައްކާތެރިކަމަށް ނުފެންނަ ކަމަށް ފަނޑިޔާރު ނިޔާޒު ފާހަގަކުރެއްވިއެވެ. އަދި ޔާމީންގެ މައްޗަަށް ކުށް ސާބިތުކޮށްފައިވަނީ ހަމައެކަނި ޝަފަހީ ހެކި ބަހަށް ބުރަވެގެން ނޫންކަން އެނގެން އޮތް ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ. 

ޝަރީއަތުގެ މަޖިލީހުގައި މުއައްވިޒު ރަޝީދު ދޮގު ހަދާފައިވާ ކަމަށް ބުނެ ހެކި ބަސް ނަފީކުރުމަށް އިސްތިއުނާފްކުރާ ފަރާތުން ބުނެފައިވީ ނަމަވެސް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭސީސީއަށް ރައީސް އޮފީހުގައި އިންނަވައިގެން ޔާމީން ދެއްވި ބަޔާން ނެންގެވީ އޭރު އޭސީސީގެ ރައީސް ލުތުފީ އަދި ނައިބް ރައީސް މުއައްވިޒުކަން ޔާމީން ސޮއިކޮށްފައިވާ އެ ބަޔާނުން އެނގެން އޮތް ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ފާހަގަކުރެއްވިއެވެ. 

މި ފަރާތްތަކުގެ ހެކި ބަސް މުޅިން އެއް ފަރާތްކުރަން ޖެހޭ ހާލަތުގައި ވެސް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން އެކަނި ވެސް ޔާމީންގެ މައްޗަށް ހުށަހެޅުނު ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން އެނގެން އޮތް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވެފައިވެއެވެ. 

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެއެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ ހުކުމް ތަންފީޒަ ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރކުރެއްވިކަމުގެ ދައުވާ ދައުލަތުން އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލާގައެވެ. އަދި އިސްލާމިކް ބޭންކް އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބަހައްޓައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއިއެކު އެއްބަސްވިގޮތާއި ހިލާފަށް، އެކްސްކްރޯ އެކައުންޓަށް އެހެން ފައިސާއެއް ޖަމާކޮށްފައިވާތީ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.