ކ. ރަސްފަރީ ފަރަށް އެރި އާގުބޯޓު ފަރުން ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރު ހައްމާދު އަބްދުލްޣަނީ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ އާގު ބޯޓު ފަރަށް އެރި ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއާއި، އެންވާރަމަންޓް މިނިސްޓްރީގެ އިތުރުން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިއަދު ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހައްމާދު ވިދާޅުވީ، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ "ނެވިއޯ އަމަރީލިސް" ބޯޓު ފަރަށް އެރިއިރު، ބޯޓުގެ ކެޕްޓަން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ފަރަށް އެރުމުގެ ކުރިން އުޅަނދު ހުއްޓިފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައި ނުވުމާއި، ނަގިލި ލުން ފަދަ ކެޕްޓަންގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަން ކޮށްފައި ނުވާ ކަން ފާހަގަ ކުރެވުނު ކަމަށް ހައްމާދް ވިދާޅުވިއެވެ.
އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދިޔަ 623 ފޫޓުގެ މި އާގުބޯޓު ފަރަށް އެރިއިރު, މި ބޯޓުގައި އެއްވެސް މުދަލެއް ނެތެވެ. އަދި ބޯޓު ދުއްވުމުގެ ބޭނުމަށް ހުރި 1200 ޓަނުގެ ތެޔޮ ފިޔަވައި, އިތުރު ތެލެއްވެސް މި ބޯޓުގައި ނެތްއިރު، މި ބޯޓު ފަރަށް އެރާފައި ވަނީ އިންޖީނުގެ 3 ވަނަ ޔުނިޓް ހޫނު ގަދަވެގެންގޮސް ހުއްޓުމުގެ ސަބަބުން، އޮޔާ ދަނިކޮށް ކަމަށް ކަމާ ބެހޭ އިރާދާރާތަކުން ބުެނެއެވެ.
މިއާއެކު، ބޯޓުގައި އެއްވެސް މުދަލެއް އަދި ތެލެއް ނެތުމުން، ބޯޓުން ތެޔޮ ލީކު ވުމުގެ ފުރުސަތެއް ނެތް ނަމަވެސް، ބޯޓު ފަޅައިގެން ގޮސް ތެޔޮ ލީކު ވެދާނެ ކަމަށް ބަލައި، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާރު ގެންދަނީ އެފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެފަދަ ހާދިސާއެއް ހިނގާފާނެ ހާލަތަކަށްޓަކައި، ރާއްޖެއިން ބޭރުން ގެންނަން ޖެހޭ އާލާތްތައްވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ހަމައެއާއެކު، ބޯޓު ފުން ކުރުމަށްޓަކައި، ބޯޓު ދަމަން ބޭނުންވާ ހުރިހާ ގިޔަރުތަކެއް ވެސް ބޯޓުގައި އަޅާ ނިމިފައިވާ ކަމަށް އެންވާރަމަންޓް މިިނިސްޓްރީން ބުނެއެވެ. އަދި އޮއިލް ޕޮލިއުޝަންއަކުން ސަލާމަތްވުމަށްޓަކައި ބޯޓުގައި ހުރި 1200 ޓަނު ތެޔޮ މަތީ ޓޭންކުތަކަށް އުފުލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި، މަތީ ޓޭންކުތަކަށް ތެޔޮ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ބޯޓު ފަޅައިގެން ދިޔަ ނަމަވެސް ލިބޭ ގެއްލުން ބޮޑުތަނުން ކުޑަ ކުރުމަށް ކަމަށްވެސްއެ މިނިސްޓްރީން ބުނެއެވެ.