ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރ ކުރެއްވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި، ޖޫރިމަނާގެ މައްސަލަ އިސްތިއުނާފަށް ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގެ ހުކުމް އިއްވީ މި ނިމުނު ބުރާސްފަތި ދުވަހު އެވެ. ހައި ކޯޓުން މައްސަލަ ބެއްލެވީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒާއި، ފަނޑިޔާރު ޙުސައިން ޝަހީދު އެވެ.
ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގައި، 2 ފަނޑިޔާރުންގެ ރައުޔު އެއް ގޮތެވެ. އެއީ އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ނެރުއްވި ރައުޔެވެ. ދެ ފަނޑިޔާރުންވެސް އެ ދެ ފަނޑިޔާރުން ނިންމުމަށް ވާސިލްވި ގޮތް ތަފްސީލްކޮށްދެއްވި އެވެ.
2 ފަނޑިޔާރުންގެ ރައުޔު އެއްގޮތްވުމާއެކު، ބެންޗުގައި އިންނެވި ފަނޑިޔާރު ޙުސައިން ޝަހީދު ރައުޔު ނުނެރުއްވިނަމަވެސް، ހައި ކޯޓުގެ ނިންމުން އެ ހިނދަށް އޮތީ ސާފުވެފަ އެވެ. ނަމަވެސް ހުކުމް އިއްވުމަށް ބާއްވަމުންދިޔަ އެ ޝަރީއަތުގެ މުޅި މިސްރާބު ބަދަލުވީ، "އެކްޓިވިސްޓް" ރާގެއްގައި ފަނޑިޔާރު ޙުސައިން ޝަހީދު އިއްވަވަން ފެށި އެމަނިކުފާނުގެ ރައުޔާއެކު އެވެ. ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ އެ ރައުޔުގައިވާ ފަށުވި އިބާރަތްތަކުގެ ސަބަބަކުން ނޫނެވެ. ނުވަތަ އެ ދިގުވެގެނެއްވެސް ނޫނެވެ. ހައިރާންކަން ގެނުވީ ދައުލަތުގެ ހަމަ އެންމެ ވާހަކައެއްވެސް ރަނގަޅުނުވެ، ވެރިކަން ކުރެއްވި ބޭފުޅެއްގެ ދިފާއުގައި ބޭނުންކުރެއްވި ބަސްތަކާއި، ނިންމެވުމަށް ވާސިލްވިކަމަށް ވިދާޅުވި ގޮތްތަކުގެ ސަބަބުންނެވެ.
ތިން ވަރަކަށް ގަޑިއިރަށް މެދުނުކެނޑި، ރައުޔު ވިދާޅުވަމުންގެންދެވިއިރު، ވިދާޅުވި އެއްޗެއް އެތަކެއް ފަހަރަކު ގެންދެވީ ހަމަ އެއް އިބާރާތަކުން ތަކުރާރުކުރަވަމުންނެވެ. ރައީސް ޔާމީންގެ ވަކީލުން ނެންގެވި 75 ނުކުތާއަށް، ޖަވާބު އޮތީ ތައްޔާރުކުރައްވައިގެންނެވެ. މައްސަލާގައި ދައުލަތުން ކުރި އެންމެ ރަނގަޅުކަމެއް ފަނޑިޔާރަށް ނުދެއްކެވުނުއިރު، ސުވާލާ ޖަވާބު ކަރުދާހެއްގެ ތެރެއިން، މާކުރިން ލިޔެ ތައްޔާރުކޮށްފައިވާ ޖަވާބުތައް ވިދާޅުވަމުންގެންދެވިހެންވެސް ހީވި ފަހަރުތައް ދިޔަ އެވެ.
ފަނޑިޔާރުގެ ތައުލީމީ ޤާބިލްކަމަށް ސުވާލެއް އުފެއްދުމުގެ ބަދަލުގައި، މި ފަނޑިޔާރުގެ ތާރީހަށް ބަލާލުމުން ސުވާލުތަކުގެ ޖަވާބު އެ އޮތީ ފެންނަންށެވެ. ފަނޑިޔާރު ޙުސައިން ޝަހީދަކީ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ބުރަވެވަޑައިގެންނެވި ވަގުތުގައި ކޯޓު ތެރެއިން އަތްގާތްކޮށްލަ ދިނުމަށްޓަށްކައި، 2018 ވަނަ އަހަރު ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވުނު ގާޒީ އެކެވެ.
އޭގެ ހަމަސް ދުވަަސް ފަހުން އެ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ލިބިވަޑައިގެންނެވި ކުރިއެރުމަކީ، ހައި ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމެވެ. ދަށު ކޯޓުގެ ގާޒީކަމުގައި 6 މަސްވެސް ނުވެ، ހައި ކޯޓުން ޖާގަ ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހުގެ އަމުރުތަކާއި ގުޅިގެން، ރައީސް ޔާމީން އެކުލަވާލެއްވި "އިތުބާރު ކުރެއްވޭ" ބޭފުޅުންގެ ލިސްޓުގެ މަތިން ފަނޑިޔާރު ޝަހީދަށް ޖާގަ ލިބިވަޑައިގެން، ދެން ފެނުނީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި މަންޒަރު އެވެ. ކްރިމިނަލް ކޯޓުގައި ހުންނަވާ، ޖަލަށް ލެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އެވެ. ދިފާއުވުމަށްވެސް އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގެން، އެ ދެބޭފުޅުންގެ މައްޗަށް ހުކުމް އިއްވެވީ ފަނޑިޔާރު ޝަހީދެވެ.
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައިި ހައި ކޯޓަށް އެހާ އަވަސް ގޮތެއްގައި ފަނޑިޔާރު ޝަހީދަށް ވަޑައިގެންނެވުނީ ކްރިމިނަލް ކޯޓުގައި ދެއްކެވި ހުނަރުގެ ސަބަބުންނެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ކިޔަވައި ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް ޝަރީއަތުން ފެނުނު މަންޒަރަކީ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވި ޝަރީއަތުގައި ފަނޑިޔާރުގެ ރައުޔުގެ ބައެއް ހިސާބުތަކުން، ސީދާ ވަކި މަގްސަދެއް ހާސިލްކުުރުމަށް ނިންމަވައި، ރައުޔު ވިދާޅުވަމުންގެންދެވުމެވެ. އެކްޓިވިސްޓުންގެ ވާހަކަތަކާއި، ފަނޑިޔާރުގެ ވާހަކަތާއި އެއްގޮތް ހިސާބުތައް ގިނަވިއިރު، ފަހަކަށް އައިިސް ފެނުނު މަންޒަރުން ސިފަކޮށްދިނީ ރައުޔު އެހެން ބޭފުޅާކު ލިޔުއްވާފައިވާ ފަދައިންނެވެ.
ރައުޔު އިއްވަވަމުން، ފަނޑިޔާރު އެކި ކަންކަމުގެ ވައްތަރުތައް ކިޔާދެއްވަމުން ދިޔައިރު، ސިފަވެގެންދިޔައީ ފަނޑިޔާރުންގެ ތެރެއިން ވަނީ ދެ ވައްތަރެއް ކަމެވެ. އެކަކަކީ އަމިއްލަ ރައުޔު އަމިއްލައަށް ލިޔެގެން ކިޔާ ފަނޑިޔާރުނާއި، އެހެން މީހުންގެ ރައުޔު ލިޔެފަ ދިނުމުން ކިޔާލަދޭ ފަނޑިޔާރުން ކަމެވެ.