އިރާގްގެ ވެރި ރަށް ބަގްދާދުގައި ދިން 2 ބޮމުގެ ހަމަލާއެއްގައި 32 މީހަކު މަރުވެ 110 މީހަކަށް އަނިޔާވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ބަގްދާދުގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދުތަކަށެވެ. އެގޮތުން، އިރާގްގެ މިނިސްޓްރީ އޮފް ޑިފެންސްގެ ތަރުޖަމާނު ޔަހްޔާ ރަސޫލް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މީގެ ތެރެއިން އެއް ބޮން އަމާޒުކޮށްފައިވަނީ ބަގްދާދުގެ ޓަޔަރަން ސްކުއާރ ގެ މާރުކޭޓަކަށެވެ. ބޮން ގޮއްވާލުމުގެ ކުރިން ބަލި މީހެއްކަމަށްބުނެ ވީހާވެސް ގިނަ މީހުން އޭނާއާ ކައިރި ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ދެވަނަ ބޮން ގޮއްވާލާފައިވަނީ ފުރަތަމަ ބޮމުގައި އަނިޔާވި މީހުންނަށް އެހީވުމަށް އިތުރު މީހުން އެ ސަރަހައްދަށް އައި ވަގުތު ބެލުމަށްފަހުއެވެ. މިއީ ޖެނުއަރީ 2018 ވަނަ އަހަރަށް ފަހު އެއް ފަހަރާ ދެ ބޮން ބަގްދާދުގައި ގޮއްވާލި ފުރަތަމަ ފަހަރެވެ.

މި ހަމަލާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެކަމަށް އިރާގްގެ ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވިނަމަވެސް، މިއީ އައިސިސް އިން ދީފައިވާ ހަމަލާއެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.