ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ދިނުމުގައި އިސްވެ އޮތީ އިންޑިއާ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. 

އަދުރޭ މިހެން ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް މިރޭ ހައި ކޯޓުން ތާއިދުކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މި ސަރުކާރަކީ ބައެއްގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށާއި ރައީސް ޔާމީނަށް އަނިޔާ ދިނުމުގައި އިސްވެ އޮތީ އަވަށްޓެރި އިންޑިއާ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުން ރައީސް ޔާމީނަށް އަނިޔާ ދެމުންދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސީދާ އޯޑަރަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. 

މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމަށް، ހައި ކޯޓުން ތާއީދުކޮށްފައިވާއިރު މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.

ތިން ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލާގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.