މިއަދު ހައި ކޯޓުން ނިންމި ނިންމެވުމަކީ ބާތިލް ހުކުމެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމަށް، ހައި ކޯޓުން ތާއީދު ކުރުމާއި ގުޅިގެން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއީ ބާތިލް ހުކުމެއް ކަމަށެވެ. 

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައަކީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ކައްޗަށް އެޅިއްޖެ ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް ކައްޗަށް ހުންނާނެ ބުނާ އުސޫލުން ކްރިމިނަލް ކޯޓުން ނިންމީ ބާތިލް ހުކުމެއް ކަމަށާއި އެ ހުކުމް މިއަދު ހައި ކޯޓުން ދެމެހެއްޓީވެސް ގޯސްކޮށް ކަމަށެވެ.

އެހެންނަމަވެސް، ގާނޫނީ އިމުގެ ތެރެއިން އިންސާފު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި އެކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި، ރައީސް ޔާމީންއަށް އިންސާފު ލިބޭނީ މަގުމަތީ ހަރަކާތްތައް އިތުރުކޮށްގެން ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.

ތިން ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލާގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *