ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައިވާތީ އެ ހުކުމް އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފިއެވެ. 

އެ ހުކުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކްރިމިނަލް ކޯޓުން ވެސް ނެރުނީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އަދި ހައި ކޯޓުން އެކަމަށް ތާއިދުކުރުމަކީ ވެސް އިންސާފު ނޫން ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެ މައްސަލަ ވަރަށް އަވަހަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމަށް، ހައި ކޯޓުން ތާއީދުކޮށްފައިވާއިރު މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.

ތިން ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލާގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.