މިފަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރާނެ ކަމަށް އެޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ. 

ފުލަމް އަތުން 2-1 އިން މޮޅުވެ ޔުނައިޓެޑް ވަނީ އަލުން އަނބުރާ ލީގުގެ އެއްވަނައަށް ޖެހިލާފައެވެ. މިފަހަރުގެ ލީގު ޔުނައިޓެޑަށް ކާމިޔާބު ކުރެވިއްޖެނަމަ މިއީ 2013 ވަނަ އަހުރުގެ ފަހުން އެޓީމުން ލީގު ކާމިޔާބުކުރާނެ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. 

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރޫނީ ބުނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ޔުނައިޓެޑަށް ޕްރިމިއަރ ލީގުގެ ތަށްޓައް ވާދަކުރެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެޓީމުން ވަރަށް މޮޅު ކުޅުންތެރިންނާއެކު ރަނގަޅު ސްކޮޑެއް ބިނާކޮށްފައިވާ ކަމަށް ރޫނީ ބުންޏެވެ. އެގޮތުން ބްރޫނޯ ފަނާންޑޭޒް އަދި އެޑިންސަން ކަވާނީ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޔުނައިޓެޑުން މިހާރު ޕްރިމިއަރ ލީގަށް ވާދަކުރަމުން އަންނަ ކަމަށްް ރޫނީ ބުންޏެވެ. 

މީގެ ހަ ހަފްތާކުރިން ޔުނައިޓެޑްގެ ކޯޗުންގެ އޮފީހުގައި މި ސީޒަނުގެ ޕްރިމިއަރ ލީގު އެޓީމުން ކާމިޔާބުކުރާނެ ކަމަށް ބުނި ކަމަށާއި އަދިވެސް އެކަން ގަބޫލުކުރާ ކަމަށް ވެސް ރޫނީ ބުނެފައިވެއެވެ. އަދި ޔުނައިޓެޑުން ތަށި ހޯދުމަށް ކުރާ މަސައްކަތުގައި ޕައުލް ޕޮގްބާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި ޕޮގްބާއަށް އެހީތެރިވެދޭނެ މޮޅު ކުޅުންތެރިން ވެސް ސްކޮޑްގައި ތިބިކަން ރޫނީ ފާހަގަކުރިއެވެ. 

އާދިއްތަ ދުވަހު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ލީގުގައި އެޓީމު ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.