ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެކަމުގައި އެމަނިކުފާނު އަމަލުކުރައްވާފައިވާ ގޮތުން އެމަނިކުފާނުގެ ތެދު ނިޔަތެއް އޮތްކަން އެނގޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ފާހަގަކުރައްވައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ވަނީ ހައި ކޯޓުން ވެސް ދަމަހައްޓާފައެވެ. މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.
ތިން ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލާގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވި އެވެ.
އެގޮތުން މި މައްސަލަ އިސްތިއުނާފްކުރި ފަރާތުން ހުށަހެޅި 20 ވަނަ ނުކުތާގައި ރައީސް ޔާމީން ކުށެއް ކުރުމުގެ ނިޔަތެއް ނެތް ކަމަށާއި އަދި އަމަލުކުރައްވާފައިވަނީ ތެދު ނިޔަތުގައި ކަން ހެކިތަކުން އެނގެން އޮތް އިރު ވެސް އެމަނިކުފާނު ކުށްވެރިވެފައިވާ ކަމަށް ކަނޑައަޅައި ކުށް ސާބިތުކުރުވާފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ނުކުތާއި އިސްތިއުނާފް ކުރި ފަރާތާއި އިސްތިއުނާފް ރައްދުވި ފަރާތްތަކުން ފާހަގަކުރި ކަންތައްތަކަށް ރިޢާޔަތްކޮށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ މަނީ ލޯޏްޑަރިންގ ގެ ކުށުގެ އެންމެ މުހިންމު އެއް އުންޞުރަކީ އަސްލު އޮޅުވާލުން ކަމަށާއި އެހެން ނަމަވެސް މި މައްސަލާގައި ރައީސް ޔާމީން އަމަލުކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެގޮތުން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އޭސީސީއަށް ހުށަހެޅީ ރައީސް ޔާމީންގެ އަމިއްލަ އިސްނެންގެވުމަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމަށް ރައީސް ޔާމީން އަމަލުކުރެއްވީ މަނީ ލޯންޑަރ ކުރައްވަން ނޫން ކަމަށާއި އަދި ޔާމީންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ ލީޒް ރެންޓްކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް ކަނޑައަޅާފައިނުވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
"އެ ފައިސާ ޖަމާކުރަން އެންގި އެކައުންޓުގައި އެ ފައިސާ ނެތްއިރުވެސް، އެއްބަސްވުމުގެ މަޤުޞަދާ އެއްގޮތަށް އެ އަދަދަށްވާ ފައިސާ އެހެން ފަރާތަކުން ނަމަވެސް ހޯދައިގެން އެސްކްރޯ އެކައުންޓަށް އެ ޢަދަދަށްވާ ފައިސާ ޖަމާކުރުމުން
ވެސް ދޭހަވަނީ އިސްތިއުނާފުކުރާ ފަރާތުގެ ތެދުނިޔަތް އޮތްކަމަށްކަން އަހުރެން ދެކެމެވެ." ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެއެވެ.
ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައަކީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެއެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ ހުކުމް ތަންފީޒަ ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރކުރެއްވިކަމުގެ ދައުވާ ދައުލަތުން އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލާގައެވެ. އަދި އިސްލާމިކް ބޭންކް އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބަހައްޓައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއިއެކު އެއްބަސްވިގޮތާއި ހިލާފަށް، އެކްސްކްރޯ އެކައުންޓަށް އެހެން ފައިސާއެއް ޖަމާކޮށްފައިވާތީ އެވެ.