ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ އިންސްޓިޓިއުޓް ކަމަށްވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އަލިފާނުގެ ހާދިސާ ހިނގީ އެ އިންސްޓިޓިއުޓްގައި އިމާރާތް ކުރަމުންދާ ފެސިލިޓީއެއްގައެވެ. މި ހާދިސާއާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕޫން ސިޓީ މޭޔަރު މުރްލިދަރ މޮހޮލް ވިދާޅުވީ، މި ހާދިސާގައި 5 މީހަކު މަރުވެފައިވާ ކަމަށެވެ. 

މި މީހުންގެ ހަށިގަނޑު ފެނިފައިވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ފަހުންނެވެ. މިކަމާއި ގުޅިގެން އެ ކުންފުނީގެ ސީއީއޯ އާދަރ ޕޫނަވައްލާ ވިދާޅުވީ، މި މީހުން ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އަޑުއެހީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.

އެންޑީޓީވީގައި ރިޕޯޓުކޮށްފައިވާގޮތުން މިހާދިސާގެ ސަބަބުން އޮކްސްފޯޑް ޔުނިވަރސިޓިއާއި އެސްޓްރާޒެނިކާ ކުންފުނީގެ 'ކޮވިޝީލްޑް' ވެކްސިން ޕްރޮޑަކްޝަންއަށް އެއްވެސް ބުރުލެއް ނާންނާނެއެވެ.

ޕޫނޭގައި ހުންނަ 100 އޭކަރުގެ މި އިސްޓިޓިއުޓްގައި އަލިފާން ރޯވި ކޮމްޕްލެކްސް ހުންނަނީ ވެކްސިން އުފައްދާ ފެސިލިޓީއާއި 10 މިނެޓު ދުރުގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދާ އިންޑިއާއިން ދަނީ އަވަށްޓެރި އެހެން ގައުމުތަކަށްވެސް ބޮޑެތި އަދަދުތަކުން ވެކްސިން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި، ރާއްޖެ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލް ހިމެނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.