ރާއްޖޭގެ ކޮންމެ ކޯޓަކުންވެސް މައްސަލައެއްގައި ހުކުމްކުރުމާއެކު އެ ހުކުމް އިއްވާ ދުވަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އާންމު ކުރަންޖެހޭނެކަމަށް ސުޕްރޯމް ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިގޮތަށް އަންގާފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ސޮއި ކުރައްވައި ހޯމަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައެވެ. އެގޮތުން، މި ޕްރެކްޓިސް ޑައިރެކްޝަނުގައި ވާ ގޮތުން، ވެބްސައިޓް ހުންނަ ކޯޓުތަކުން، ފަނޑިޔާރުން ސޮއިކޮށްފައިވާ ހުކުމުގެ ޕީޑީއެފް ކޮޕީއެއް ވެބްސައިޓުގައި ޝާއިއުކުރަންވާނެއެވެ.

މީގެއިތުރުންވެސް، މައްސަލައިގެ ހުކުމްކުރި ދުވަހު ދޫކުރި ރިޕޯޓުގައި އަތުކުށެއް ނުވަތަ ހިސާބު ހެދުމުގެ ކުށެއް ނުވަތަ ހިސާބު އަދަދެއް ނުވަތަ ތާރީޚެއް ނުވަތަ މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތެއްގައި ކުށެއް ލިޔެވިފައިވާނަމަ، އިސްލާހު ކުރަންވާނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ނުވަތަ އެމީހުންގެ ވަކީލުންގެ ހާޒިރުގައި ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. އަދި، މި ނޫން އެއްވެސް ބަދަލެއް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ނުގެނެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައި މިވަނީ ފަނޑިޔާރުން ބަލައި ނިންމާފައިވާ ހުކުމްތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ސޮއިނުކުރެވި ހުންނަ ހާލަތު ދިމާވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެގޮތުން، މައްސަލައާ ގުޅިގެން ފަނޑިޔާރަކު ސޮއިކުރަންޖެހޭ ނިންމުންތަކާއި އަމުރުތަކުގައި ދުވަހުން ދުވަހަށް ސޮއިކުރުމަށް ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.