ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލްތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 'އެއަރ ޗެލެންޖް' ހަރަކާތް އިފްތިތާހް ކޮށްފިއެވެ.
ޕްލާސްޓިކުގެ ބާވަތްތައް ވެށްޓަށް ދިޔަނުދިނުމާއި، ޕްލާސްޓިކު ބޭނުންކުރުން ހުއްޓުމުގެ އިތުރުން ޕްލާސްޓިކާ ނުލައި އާ ފަރުމާތަކަށް ބަދަލުވުމުގެ މަސައްކަތް ކުރުމަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ޗެލެންޖަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ޕާރލޭ މޯލްޑިވްސް އާއި ގުޅިގެން ކުރިއަށްގެންދާ ޗެލެންޖެކެވެ.
މި ޗެލެންޖާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޗެލެންޖުން ފުރިހަމަކުރަންޖެހޭނީ ޕްލާސްޓިކު ބޭނުން ކުރުން ހުއްޓުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާ ފަރުމާތަކަށް ބަދަލުވުމަށް އަމާޒުކޮށް ކަނޑައެޅިފައިވާ ހަރަކާތްތަކެއް ކަމަށެވެ.
ތިން މަރުހަލާގެ މި ޗެލެންޖުގައި ކަނޑައެޅިފައިވާ ޕޮއިންޓް ސްކޫލްތަކުން ހާސިލްކުރުމުން، ޗެލެންޖްގެ އިނާމު ކެޓެލޮގުން އެ ސްކޫލަކުން ޚިޔާރުކުރާ އިނާމުތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.