މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމަށް، ހައި ކޯޓުން ތާއީދުކޮށްފި އެވެ.
މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.
ތިން ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލާގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވި އެވެ.
ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައަކީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެއެވެ.
އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ ހުކުމް ތަންފީޒަ ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރކުރެއްވިކަމުގެ ދައުވާ ދައުލަތުން އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލާގައެވެ. އަދި އިސްލާމިކް ބޭންކް އެކައުންޓެއްގައި އެއް މިލިއަން ޑޮލަރު ބަހައްޓައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއިއެކު އެއްބަސްވިގޮތާއި ހިލާފަށް، އެކްސްކްރޯ އެކައުންޓަށް އެހެން ފައިސާއެއް ޖަމާކޮށްފައިވާތީ އެވެ.