އިންޑިއާއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިންގެ ދެ މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ބަންގްލަދޭޝަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެކްސިން ޝިޕްމެންޓްގެ ފޮޓޯތަކެއް ހިއްސާ ކުރައްވާ އިންޑިއާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލެއް ކުރެއްވި ޓުވީޓަކުންނެވެ.
އޭނާގެ ޓުވީޓު ރީޓްވީޓް ކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ އެގައުމުގެ ނެއިބަރ ހުޑް ފަސްޓް ޕޮލިސީގެ ދަށުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދެ މިލިއަން ޑޯޒް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާއި އޮންނަ ގާތް ގުޅުން ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްއަށް ވެސް ވެކްސިން ލިބިގެންދާނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ އިންޑިއާއިން ވަނީ ގިނަ ގައުމުތަކަކަށް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން، ރާއްޖެއަށާއި ބޫޓާން އަށް މިހާރު ވެކްސިން ފޯރުކޮށްދީފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މިޔަންމާ އަދި ސީޝެލްސްއަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.