މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލައިފައިވާ "ޕެރިސް އެގްރީމެންޓް'ގައި އެމެރިކާއިން އަލުން ބައިވެރިވުމުން އެގައުމުގެ އައު ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ޕެރިސް އެގްރީމެންޓުން ވަކިވާން ނިންމީ އެގައުމުގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ޕެރިސް އެގްރީމެންޓުގައި އަލުން ބައިވެރިވުމަކީ ދާދި ފަހުން ރައީސް ކަމާއި ހަވާލުވަޑައިގެންނެވި ޖޯ ބައިޑެންގެ ރިޔާސީ ވައުދެކެވެ.
މިކަމާއި ގުޅޭގޮތުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ އެމެރިކާއިން ޕެރިސް އެގްރީމެންޓްއާއި އަލުން ގުޅުމަކީ ދުނިޔެ ހޫނުވުމާއި ދެކޮޅަށް މުޅި ދުނިޔެ އެކުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޖޯ ބައިޑެންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަރަށް ބޮޑު އަހަމިއްޔަތެއް ދޭން ވަނީި ނިންމާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ފަސް ޓްރިލިއަން ޑޮލަރުގެ ބިޔަ ޕްލޭނެއް އިއުލާންކުރައްވާފައެވެ. އަދި އެމެރިކާ އިން ވިހަ ގޭސް ބޭރުކުރުން 2050ގެ ކުރިން ހުއްޓާލަން ފިޔަވަޅުތައް އަޅުއްވަން އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ.