އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކާއި މެދު ދަތި ކުރުމުގެ ފިޔަވަޅު ޗައިނާއިން އަޅައިފިއެވެ.

އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ހުވާ ކުރެއްވީ ރޭގެ ވަގުތެއްގައެވެ. ބައިޑަންގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި ވިދިގެން ޗައިނާގެ ފޮރިން މިނިސްޓްރީއިން ވަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަރިސް ބޭފުޅުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އެގޮތުން، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 28 ފަރާތަކާއި ދެކޮޅަށެވެ. މީގެ ތެރޭގައި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ، ޓްރޭޑް އެޑްވައިޒަރ ޕީޓަރ ނަވަރޯ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ރޮބަރޓް އޯ ބްރައިން، އަދި އ.ދ އަށް ކަނޑައަޅާފައިވާ މަންދޫވު ކެލީ ކްރާފްޓް ހިމެނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ، މި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޗައިނާ އަދި އެމެރިކާގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތަށް އަމަލު ކުރުމުގެ ބަދަލުގައި، ސިޔާސީ މަގްސަދަށްޓަކައި ޗައިނާގެ ސިޔާސަތުތަކާއި ބެހި އެ ގައުމުގެ އެތެރޭގެ ކަންތައްތަކަށް ފާޑުކިޔާފައިވާތީއެވެ. 

ޗައިނާއިން ވަނީ ފިޔަވަޅު އަޅަން ނިންމާފައިވާ ފަރާތްތަކުގެ އާއިލާ މެންބަރުންނަށްވެސް ޗައިނާއަށް އެތެރެވުން މަނާކޮށްފައެވެ. އަދި އެ ބޭފުޅުންނާއި ވިޔަފާރީގެ ގުޅުން އޮންނަ ކުންފުނިތަކަށް ޗައިނާގައި ވިޔަފާރި ކުރުންވެސް މަނާކޮށްފައެވެ.

ޗައިނާއާ އެމެރިކާއާ ދެމެދު އޮތް ގުޅުން ޓްރަމްޕްގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން، ދެ ގައުމުގެ ދޭތެރޭގައި "ޓްރޭޑް ވޯ"އެއް ފެށުމާއި ގުޅިގެން ދެ ގައުމުގެ އިގްތިސާދަށްވެސް ނުހަނު ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ މީޑިއާތަކަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، ބައިޑަންގެ ސަރުކާރުން ޗައިނާއާ މެދު ތަފާތުކުރުމުގެ ސިޔާސަތު ނުގެންގުޅުއްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.