ދިވެހިރާއްޖެއަށް އިންޑިއާގެ ހިލޭ އެހީގައި ގެނައި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިތުބާރު ލިބިފައިނުވާ ވެކްސިނެއްކަމަށް ބުނާ ފަރާތްތަކަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރައްދު ދެއްވައިފިއެވެ.

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްއާ އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިން ޓްރައިލް މަރުހަލާތައް ނިމިފައިވީ ވެކްސިނެކެވެ.

އެހެންނަމަވެސް، ވެކްސިން ދިވެހިރާއްޖެއަށް ގެނައުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މިއީ ސިއްހަތު ޖަމިއްޔާއިން އެޕްރޫވް ކޮށްފައި ނުވާ ވެކްސިނެއްކަމަށާއި، މި ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް މަޖުބޫރު ނުކުރެވޭނެކަމަށް ބުނެފައެވެ. އެގޮތުން، ރާއްޖެ ގެންނަންވާނީ ސިއްހަތު ޖަމިއްޔާއިން އެޕްރޫވްކޮށްފައިވާ ވެކްސިނެއްކަމަށާއި، ތަހުލީލު ކުރުމުގެ މަރުހަލާގައި ދިވެހިން ބޭނުން ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ މިފަދަ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، ވެކްސިނަކީ ތަދު އެއްޗެއް ކަމަށާއި ވެކްސިން ހޯދުމަށް ގިނަ ގައުމްތަކުން މަސައްކަތް ކުރަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން މިކަމުގައި އަމަލު ކުރަމުން މިދަނީ އެހެން ގައުމްތަކުން ވެސް އަމަލު ކުރަމުންދާ އުސޫލަށްކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން، އިނގިރޭސިވިލާތް މިސާލަކަށް ނަންގަވަމުން ނަޒްލާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި ގައުމްކަމަށެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ދީފައިވަނީ ފައިޒާގެ ވެކްސިނެވެ. ވެކްސިން އެޕްރޫވަލް ލިބުނު ދުވަސް ނޫން އަނެއް ދުވަހު ވެކްސިން ދޭން ފަށާފައިވާއިރު، ނަޒްލާ ވިދާޅުވީ މިއީ ދުރާލާ ތައްޔާރުވުމުގެ ނަތީޖާ ކަމަށެވެ.

ދިވެހިރާއްޖޭގައިވެސް އެގޮތަށް ތައްޔާރީތައް ކުރިއަށް ދާނެކަމަށާއި ވެކްސިންތައް ގެނައި ނަމަވެސް، ރައްޔިތުންނަށް ދެވެން ފެށޭނީ ކަމާ ބެހޭ ފަރާތްތަކުގެ އެޕްރޫވަލް ލިބުމުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް މި ވަގުތު އެއްބާރުލުން ދެއްވުމަށް ސަރުކާރުންވަނީ އެދިފައެވެ. އެހެންނަމަވެސް، ވެކްސިނާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން އަންނަނީ ކުރަމުންނެވެ. އެ ކޯލިޝަނުން ވަނީ ކޮވިޑް-19ގެ ތެރޭގައި ގައި ދުރުކަމެއްނެތިވެ މާލޭގެ މަގުތަކުގައި މުޒާހަރާވެސް ކޮށްފައެވެ.

ދިވެހިރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދިން ވެކްސިންތަކުގެ އިތުރުން ރާއްޖެއިން ވަނީ 700،000 ޑޯޒް ގަތުމަށް އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ސައުތު އީސްޓް އޭޝިއާ ޕްލާންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ވެކްސިންތައް ދިވެހިރާއްޖެއަށް ވަރަށް އަވަހަށް އަންނާނެކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.