ކޮވިޑް-19 އާ ދެކޮޅަށް ދުނިޔެ ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައިކަމުގެ ކިރިޔާވެސް އުއްމީދެއް ލިއްބައިދިން އެއްޗަކީ ''ވެކްސިން'' އެވެ. ގޭތެރޭ ހަތަރު ފާރުގައި ބަންދުކުރެވިފައި ތިބި ތިބުމާއި، ކާފިޔުތަކަށް ނިމުމެއް ގެނައި އެއްޗަކީ ވެކްސިނެވެ. 

މި ބައްޔަށް ވެކްސިނެއް ހޯދަން މަސައްކަތް ކޮވިޑް-19 ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ދިޔައީ ކުރަމުންނެވެ. އެތައް ޓްރަޔަލްތަކަކާއި އެތައް ތަހުލީލުތަކަކަށް ފަހު މިހާރު ވެކްސިން ބޭނުންކުރުމުގެ ހުއްދަ ގައުމުތަކުގެ ސިއްހީ ކަމާއި ބެހޭ އިދާރާއިން ވަނީ ދޭން ފަށާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މެދުނުކެނޑި ބާރުއަޅަމުން ދަނީ ހަމަހަމަކަމާއިއެކު ހުރިހާ އެންމެންނަށްވެސް ލިބޭ ގޮތަށް ވެކްސިން ފޯރުކޮށް ދިނުމަށެވެ. 

ދުނިޔޭގެ ބޮޑެތި ކުރިއަރާފައިވަ ގައުމުތަކުން އުފެއްދި ވެކްސިން އެންމެ ފުރަތަމަ ޖަހާފައިވަނީ ލައިވް ޓީވީ މެދުވެރިކޮށް އެ ގައުމުތަކުގެ އިސްވެރިންނެވެ. އޭގެ ތެރޭގައި، ބުދަ ދުވަހުގެރޭ އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވި ޖޯ ބައިޑެން، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަނަޔާހޫ، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވެއެވެ. 

މި ބޭބޭފުޅުންނަށް ލައިވް ޓީވީ މެދުވެރިކޮށް ވެކްސިން ޖަހާފައިވަނީ ވެކްސިން ޖަހަން ރައްޔިތުންނަށް ބާރުއެޅުމުގެ އިތުރުން ރައްޔިތުންނަށް ވެކްސިން އަކީ ކިހާ މުހިއްމު އެއްޗެއްކަން އަންގައި ދިނުމުގެ ގޮތުންނެވެ. 

ސިޔާސީ ބޭބޭފުޅުން ވެކްސިން ޖަހާފައިވަނީ އެ ބޭފުޅެއްގެ ގައުމުތަކުން އުފައްދާފައިވާ ވެކްސިންތަކެވެ. ނަމަވެސް އެހެނިހެން ގައުމުތަކުން ހަދިޔާގެ ގޮތުގައި ނުވަތަ އިމްޕޯޓްކުރާ ވެކްސިން އެންމެ ފުރަތަމަ ޖަހާފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ މުހިއްމު ރޯލެެއް އަދާކުރަމުންދާ ސިއްހީ ހިދުމަތްތެރިން ނުވަތަ ބަލީގެ ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ. އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯންޓެކް ގުޅިގެން އުފެއްދި ފައިޒާބަޔޯންޓެކް ވެކްސިން އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ޖަހާފައިވަނީ މާގަރެޓް ކީނަން ކިޔާ ދުވަސްވި މީހަކަށެވެ. މާގަރެޓް އަށް 91 އަށް އަހަރު ފުރުނު ދުވަހު އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް އުފަލަކީވެސް ބަލިން ރައްކާތެރިވުމުގެ ޔަގީންކަން ލިބުމެެވެ. ކޮވިޑްގެ ކޭސްތަކުގެ އަދަދު އިންތިހާ އަށް މައްޗަށް ދިޔަ ބްރެޒިލް ގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ 54 އަހަރުގެ ނަރުހެކެވެ. 

ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދިނުން އެންމެ މުހިއްމުވާ އެއް ސަބަބަކީ އެއީ އެންމެ ބޮޑަށް ބައްޔަށް ހުށައެޅޭ ބަޔަކީ ސިއްހީ ހިދުމަތްތެރިންނަށްވާތީއެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވާ ފަރާތްތަކަކީ ބަލި މީހުންނަށް ފަރުވާދޭން ހަރަކާތްތެރިވަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުންނެވެ. އެއީ ރާއްޖެއިންވެސް ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކައެކެވެ. ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުން ޕޮޒިޓިވްވި ކޭސްތަކުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. 

ސިއްހީ ހިދުމަތްތެެރިންގެ އިތުރުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަމުގެ އިހްސާސް އެންމެ ބޮޑަށް ވެގެން ދިޔައީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އެއާ އިންޑިއާގެ ފްލައިޓުން ގެނައި ވެކްސިންގެ ޝިޕްމެންޓުންނެވެ. ރާއްޖެއިން ކުރަމުންދާ ކޮވިޑްގެ ދަތުރު ނިމުމަކަށް އަންނަންއުޅޭ ކަމުގެ އުފާވެރި ހަބަރެވެ. 

ރާއްޖެ ގެނައި ކޮވިޑް ވެކްސިންއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ފާމަސިއުޓިކަލް ކުންފުނި ގުޅިގެން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިންއަކީ ދެން ކޮވިޑަށް އުފައްދާފައިވާ އެހެން ވެކްސިންތަކާއި ޙިލާފަށް 70 ޑިގްރީގައި ރައްކާ ކުރަން ނުޖެހޭ ވެކްސިންއެކެވެ. އެހެންކަމުން މި ވެކްސިންއަކީ ރާއްޖެ ފަދަ ގައުމެއްގައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ވެސް ފަސޭހަވާނެ ވެކްސިންއެކެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައެވެ. އިންޑިއާ އިން ރާއްޖެ އަށް ދިން އެއް ލައްކަ ޑޯޒުން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ވެކްސިން ޖަހާން ފަށާނެ ތާރިހެއް އަދި މިހާތަނަށް ހާމަކޮށްފައިނުވިޔަސް އެހެނިހެން ގައުމުތަކުން އަމަލުކުރަމުންދާ އުސޫލުން ރާއްޖެއިންވެސް އެންމެ ފުރަތަމަ ވެކްސިން ދޭނީ ފޮރްންޓް ލައިން ގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށެވެ. 

ބޮޑަށް ލަފާކުރެވޭ ގޮތުގައި އެންމެ ފުރަތަމ ރާއްޖޭގައި ވެކްސިން ދޭން ހަމަޖެހިފައިވަނީ ކޮވިޑް-19 ގެ ހާލުބޮޑުވާ މީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންނަށް ފަރުވާދިން ހޮސްޕިޓަލަށެވެ. އެހެންކަމުނެ އެންމެ ފުރަތަމަ ރާއްޖެއިން ވެކްސިން ޖަހާ މީހާ އަށް ވެސް ލިބިގެންދާނެ ފަހުރަކީ އެހެން ގައުމުތަކުން ވެސް ފުރަތަމަ ވެކްސިން ޖެހި މީހުންނަށް ލިބޭ ފަދަ ފަހުރެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.