މިއަދަކީ ވަކި ކެނޑިޑޭޓަކަށް ލިބުނު ކާމިޔާބީ އަކަށްވުރެ ބޮޑަށް، ޑިމަކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވީ، ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަކޮޅުގައެވެ. އެގޮތުން، އެއްބައިވަންތަކަން އިސްކުރުމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައިޑަން އަލިއަޅުއްވާލެއްވިއެވެ. އެމެރިކާގެ ތާރީޚުގައި އެތައް ފަހަރަކު ބައިބައިވުންތައް ކުރިމަތިވި ކަމަށާއި އެހެންނަމަވެސް، އަބަދުވެސް އެއްބައިވަންތަކަން ކުރި ހޯދާކަމަށް ތަކުރާރުކޮށް ބައިޑަން ވިދާޅުވިއެވެ.

އެގޮތުން، މިފަހަރުވެސް އެއްބައިވަންތަކަން ކުރި ހޯދައިފިކަމަށާއި މިއަދަކީ 'އެމެރިކާގެ ދުވަސް' ގޮތުގައި ބައިޑަން ސިފަކުރެއްވިއެވެ. އަދި، ޑިމޮކްރަސީގެ ނާޒުކު ކަމާއި މުހިންމު ކަން މިއަދު ވަޒަންކުރެވޭކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އެހެންނަމަވެސް، އަބަދުވެސް ޑިމޮކްރަސީ ކުރި ހޯދާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން އެމެރިކާއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބައިޑަން ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން މަރުވި މީހުންނަށްވުރެ ގިނަ މީހުން މި ބަލީގައި އެ ގައުމުން މަރުވެފައިވާކަމަށެވެ. 400،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 ގެ ސަބަބުން އެމެރިކާއިން މަރުވެފައިވާއިރު، އެ މީހުންގެ ހަނދާނުގައި ބައިޑަންވަނީ ސުކޫތެއްވެސް ނަގާފައެވެ. އަދި ބަލިން އަރައިގަނެ، އެމެރިކާ އަނެއްކާވެސް އަލުން ބިނާކުރުމަށް ޖެހިފައިވާކަމަށާއި އެކަމަށް ތައްޔާރުކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މައްޗަށްވެސް ބައިޑަންވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ފާއިތުވި ހަތަރު އަހަރަކީ އެމެރިކާއަށް ޓެސްޓެއްގެ ގޮތުގައި ސިފަ ކުރައްވައި، ބައިޑަން ވިދާޅުވީ އެ ޓެސްޓުން ވަރަށް ކާމިޔާބުކަމާއެކު އެމެރިކާ ސަލާމަތްވެފައިވާކަމަށެވެ. ދުނިޔޭގެ އެހެން ގައުމްތަކާއި އަނެއްކާވެސް ގުޅުންތައް ގާއިމްކުރަން ފަށާނެ ކަމަށާއި، އެމެރިކާ އެކަހެރިވެ އޮތުމުގެ ސިޔާސަތު ބަދަލުވާނެކަމަށް ބައިޑަން ވައުދުވެވަޑައިގެންނެވިއެވެ. 

އިތުރަށް ބައިޑަން ވިދާޅުވީ، އެމަނިކުފާނު މަގާމާއި ހަވާލުވީ ހުރިހާ އެމެރިކާ ރައްޔިތުންގެ ރައީސްގެ ގޮތުގައިކަމަށެވެ. ޑިމޮކްރަސީގައި އެއްބަޔަކު ބަލިވާނެކަމަށާއި އެހެންނަމަވެސް އޭގެ ސަބަބުން، ބައިބައިވުން އުފެއްދުމަށް ޖާގަ ދެއްވައިގެން ނުވާނެކަމަށް ބައިޑަން ވިދާޅުވިއެވެ. 

ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނު ވާނީ އެމެރިކާގެ 46 ވަނަ ރައީސްއަށެވެ. އުމުރުފުޅުން 78 އަހަރުގައި ހުވާ ކުރެއްވިއިރު، މިއީ އެމެރިކާގެ އެންމެ ދުވަސްވީ ރައީސްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.