އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ޖޯ ބައިޑަން ކުރެއްވުމުގެ ވަގުތު މިހާރު ވަނީ ވަރަށް ކައިރިވެފައެވެ. އުމުރުފުޅުން 78 އަހަރުގެ ބައިޑަން ހުވާ ކުރެއްވުމުގެ ވަގުތު ޖެހިފައިވާއިރު، މިއީ 50 އަކަށް އަހަރު ވަންދެން އޭނާ ދެކެމުން އައި ހުވަފެނަކަށް ވުން ވަރަށް ގާތެވެ. އެމެރިކާގެ ސެނެޓަށް 1972 ވަނަ އަހަރު އިންތިޚާބު ކުރެވުމާއި އެކު، ދުނިޔޭގެ ފެންވަރުގައި ބާރުގަދަ، ހެޔޮ ބަދަލުތަކަށް މަގުކޮށައިދޭ ގައުމަކަށް އެމެރިކާ ހެދުމަކީ ބައިޑަންގެ ހުވަފެނެކެވެ.

އެހެންނަމަވެސް، ރައީސް ކަމުގެ ހުވާ ބައިޑަން ކުރައްވަން ޖެހިފައިވާ މި ދަނޑިވަޅަކީ ހުރިހާ ގޮތަކުންވެސް ތަފާތު ވަގުތެކެވެ. އޭނާގެ ކުރިން އެ މަގާމު ފުރުއްވި ޑޮނާލްޑް ޓްރަމްޕް ވައިޓް ހައުސް ދޫކުރައްވާ ވަޑައިގެންނެވީ، އެމެރިކާގެ ދައުރު މުޅި ދުނިޔޭގައިވެސް ދަށް ކޮށްލުމަށްފަހުއެވެ. ގައުމު ބައިބައިކޮށް، ދުނިޔޭގެ ޗާޓުން އެމެރިކާ އަމިއްލައަށް އެކަހެރިވެފައިވާއިރު، މި ހުރިހާ ކަމެއްވެސް ބަދަލުކުރުމުގެ ބުރަ ޒިންމާ އުފުއްލަވާނީ ބައިޑަންގެ ސަރުކާރުންނެވެ. އެހެންކަމުން ބައިޑަންގެ ފުރަތަމަ 100 ދުވަހަކީ މި ފަހުގެ ތާރީޚެއްގައި އެމެރިކާގެ ރައީސްއަކަށް ލިބޭނެ އެންމެ މުހިންމު 100 ދުވަހެވެ. ގިނަ ކަންތައްތަކަކުން ގައުމު ހަމަ މަގަށް އެޅުވުމަށެވެ.

ޚާރިޖީ ސިޔާސަތު

ދުނިޔޭގެ ފެންވަރުގައި އެމެރިކާއަކީ ބާރުގަދަ، އަދި ބަސްވިކޭ ގައުމަކަށް އަނެއްކާވެސް ހެދުމުގެ ޒިންމާ އުފުއްލަވާ ބައިޑަންއަށް، ޚާރިޖީ ސިޔާސަތުގައި ކުޅެން ޖެހިފައިވަނީ ވަރަށްވެސް ދަތި އުނދަގޫ ގޮތަކަށެވެ. އެމެރިކާ ވަނީ މުސްލިމް ދުނިޔެއާއި، ބާރުގަދަ އެހެން ގައުމްތަކާއިވެސް އެކަހެރިވެފައެވެ.

ޖެނުއަރީ 2017 ވަނަ އަހަރު، ރައީސް ކަމުގެ ހުވާ ޑޮނާލްޑް ޓްރަމްޕް ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއް ނިންމެވުމަކީ މުސްލިމް ގައުމްތަކާއި ދެކޮޅަށް ޓްރެވަލް ބޭންއެއް އިއުލާންކުރުމެވެ. އެގޮތުން، ސީރިޔާ، އިރާން، އިރާގް، ސުދާން، ލިބިޔާ، ސޮމާލިއާ، ޔެމެން، އެރިޓްރިއާ، ނައިޖީރިއާ، މިޔަންމާ، ކްރިގިސްތާން އަދި ޓެންޒޭނިއާއިން އެމެރިކާއަށް މީހުން ވަނުން މަނާކޮށްފައިވާއިރު، މި ނިންމުން ބަދަލުކުރައްވާނެކަމަށް ބައިޑަންވަނީ ވައުދުވެވަޑައިގަންނަވާފައެވެ. އަދި، އެމެރިކާގައި ތިބި 11 މިލިއަން ގަވާއިދާއި ހިލާފާށް އުޅޭ ބިދޭސީންނަށް އެ ގައުމުގެ ރައްޔިތަކަށް ވުމަށް މަގު ކޮށައިދިނުމުގެ ގޮތުން ބިލެއްވެސް ކޮންގްރެސް އަށް ލުމަށް ބައިޑަން ވަނީ ނިންމަވާފައެވެ.

ޗައިނާ

ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންވަނީ ފަހުގެ ތާރީޚެއްގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮަސްފައެވެ. އެގޮތުން، ޓްރަމްޕްެގެ ވެރިކަމުގައި ޗައިނާގެ ބައެއް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރަން މަނާކޮށް ދެ ގައުމުގެ ދޭތެރޭގައި ވަނީ "ޓްރޭޑް ވޯ" އެއްވެސް ފަށާފައެވެ. ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު "ނިއު ޔޯރކް ޓައިމްސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބައިޑަން ވަނީ ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަގުތުން އުވާނުލާނެކަމަށް ވިދާޅުވެފައެވެ. އެހެންނަަމަވެސް، ދެ ގައުމުން ގުޅިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެކަމަށް ބެލެވޭއިރު، ޗައިނާއާ ދެކޮޅަށް ދެން އެމެރިކާއިން މަސައްކަތް ކުރާނީ އެހެން ގައުމްތަކާއި ގުޅިގެން ކަމަށް މަސްރަހު ދިރާސާކުރާ ގިނަ ބަޔަކު ލަފާކުރެއެވެ.

އިންޑިއާ

އިންޑިއާއަކީ އަބަދުވެސް އެމެރިކާގެ ވަރަށް ގާތް އެކުވެރިއެކެވެ. އެހެންނަމަވެސް، ޖޯ ބައިޑަންގެ ރިޔާސަތުގައި މި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ބެލެވެއެވެ. އެމެރިކާގެ ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވި ކަމަލާ ހެރިސްއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ފުރަތަމަ އިންޑިއާ ނަސްލައް ނިސްބަތްވާ ނައިބު ރައީސް ކަމުން، އެކަމަނާގެ އެހީތެރިކަމާއެކު އިންޑިއާއާ އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީވެސް ވަނީ ވިދާޅުވެފައެވެ. މިއާއެކު، އިންޑިއާ ކަނޑުގެ ގައުމްތަކަށް އެމެރިކާއިން އިތުރު ސަމާލުކަމެއް ދޭނެކަމަށް ލަފާކުރެވެއެވެ.

މޫސުމީ ބަދަލުތައް

މޫސުމީ ބަދަލުތަކާއި ދެކޮޅަށް މުޅި ދުނިޔެ އަތުގުޅާލުމަށް ގޮވާލުމާއެކު އެންމެ ފުރަތަމަ އިސްނެގި ގައުމްތަކުގެ ތެރޭގައި އެމެރިކާ ހިމެނުނެވެ. އެހެންނަމަވެސް، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، 'ޕެރިސް އެގްރީމެންޓް' ފަދަ މުހިންމު އެއްބަސްވުންތަކުން އެމެރިކާ ވަކިވިއެވެ. މިކަން ބަދަލުކޮށް، ވެރިކަމުގެ ފުރަތަމަ ދުވަހު އަލުން ޕެރިސް އެގްރީމެންޓާއި ގުޅޭނެކަން ބައިޑަން އިއުލާން ކުރައްވާފައިވާއިރު، މިއީ ފަހަރުގައި އެމަނިކުފާނުގެ އެންމެ މުހިންމު އެއް ނިންމެވުން ކަމުގައި ވެދާނެއެވެ.

މިއާއެކު އެމެރިކާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އަނެއްކާވެސް މަދުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ޕެރިސް އެގްރީމެންޓްގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީއަށް 1.7 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްކުރުމަށްވެސް ބައިޑަންވަނީ ނިންމަވާފައެވެ. ކުރިއަށް އޮތް 10 އަހަރަށް ބަހާލައިގެން މި ފައިސާ ހަރަދުކުރަން ހަމަޖެހިފައިވާއިރު، 2050 ވަނަ އަހަރު ނެޓް ޒީރޯ އެމިޝަން ހާސިލްކުރުމަށް މި ފައިސާއިން ވަރަށް ބޮޑު އެހީއެއް ފޯރުކޮށްދޭނެކަމަށް ބެލެވެއެވެ. މިއީ ދިވެހިރާއްޖެ ފަދަ ބިންތިރި ގައުމްތަކަށް އުފާވެރި ޚަބަރަކެވެ. ރާއްޖެއިންވެސް ނެޓް ޒީރޯ އެމިޝަން ހާސިލްކުރުމަށް އެހެން ގައުމްތަކުގެ އެހީއަށް އެދިފައިވާއިރު، އެމެރިކާގެ ސިޔާސަތަށް މިއައި ބަދަލާއެކު އެ ގައުމުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ގާތްކަމެކެވެ.

ކޮވިޑް-19

މުޅި ދުނިޔޭގައިވެސް ކޮރޯނާ ވައިރަސްއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން 400،000 އަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވާއިރު، ބައްޔާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ބައިޑަންވަނީ ދެއްވާފައެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ އަލުން ގުޅުމަށް ނިންމާފައިވާއިރު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް އެންމެ މަދުވެގެން 100 މިލިއަން މީހުންނަށް ދިނުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ބައިޑަން ވަނީ އިއުލާންކުރައްވާފައެވެ.

ބައިޑަންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށް ވައުދުވެ ވަޑައިގަންނަވާފައިވާއިރު، ފަހަރުގައި 100 ދުވަހުގެ ތެރޭގައި ބައިޑަން އުންމީދުކުރާ އެމެރިކާއެއް ބިނާ ނުކުރެވިދާނެއެވެ. އެހެންނަމަވެސް، މުހިންމު ބަދަލުތަކަކާއެކު، ގައުމު ހަމަ މަގަށް އެޅުވުމަށް ބައިޑަންއަށް އަދި ހަތަރު އަހަރު އެބައޮތެވެ. 50 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ އެމަނިކުފާނު މިއަދު ކުރައްވާއިރު، މިއީ އެމަނިކުފާނުގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ލިބޭ ރަނުގެ ފުރުސަތެވެ. މި ފުރުސަތުގެ ބޭނުން ކުރައްވާ ގޮތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެނިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.